ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް ގެ މަގާމަށް އަންހެނުންނަށް ކުރިމަތި ލެވޭ ގޮތަށް ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލުގެންނަން އިސްލާހު ހުށަހަޅާފައިވާ ކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވެފައި މިވަނީ ޕާޓީގެ ލީޑަޝިޕަށް އަންހެނުންނަށް ކުރިމަތި ނުލެވޭ އުސޫލެއް އޮތް ނަމަ އެކަން އިސްލާހުކުރަން އެޕާޓީއަށް އަންގާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވެސް ބުނެފައި ވަނިކޮށެވެ.
ޕާޓީގެ އެތެރޭގެ އިންތިހާބު މި މަހުގެ 23 ވަނަ ދުވަހު ބާއްވަން އިއުލާނުކުރި ހިސާބުން ފެށިގެން އެޕާޓީގެ އިސް މަގާމުތަކަށް އަންހެނުންނަށް ކުރިމަތި ނުލެވޭ މައްސަލައިގެ ޝަކުވާތައް ޕާޓީ ތެރޭގައި ވަނީ ބޮޑުވެފައެވެ.
ޕާޓީގެ ގަވާއިދު ބުނާގޮތުން ނާއިބު ރައީސް ކަމާއި ރައީސް ކަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ފިރިހެނަކަށް ވުން ވަނީ ހިމަނާފައެވެ. ނަމަވެސް އެ މައްސަލަ ފެންމަތި ވެފައި ވަނިކޮށް އެ ޕާޓީން ވަނީ ނާއިބު ރައީސް ކަމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފައެވެ. އަދިވެސް ޕާޓީގެ ރައީސް ކަމަށް ކުރިމަތިލުމުގެ ފުރުސަތެއް އަންހެނުންނަކަށް ނެތެވެ. އަދާލަތުން ބުނީ އެ އިސްލާހު ގެނައުމާ މެދު ވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.
ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ވިދާޅުވީ އެމަނިކުފާނު އިސްވެ ހުންނަވާ މަޝްވަރާ މަޖިލީހުގެ ހަތް މެމްބަރުންގެ ސޮޔާ އެކު ޕާޓީގެ ރައީސް އަކަށް ކުރިމަތިލުމަށް ފިރިހެނަކަށް ވާން ޖެހޭ އުސޫލު ބަދަލުކުރަން އިސްލާހު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެގޮތަށް އިސްލާހު ހުށަހެޅި މިވަގުތު ޕާޓީ ކުރިއަށް ގޮސްފައިވާ ވަރަށް ބަލައި ޕާޓީ އިތުރަށް ހުޅުވައިލާ ޕާޓީގެ އިސް ސަފުގައި އަންހެނުން ހަރަކާތްތެރިވުމަށް އޮތް ފުރުސަތު އިތުރަށް ފަހިކުރުމަށް ކަމަށް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ އެ ޕާޓީގެ ލީޑަރަކަށް ވުމަށް ފިރިހެނަކަށް ވާން ޖެހޭ ކަމަށް ޝަރުތުކޮށްފައި އޮތީ އެކަމުގައި އެއްވެސް ދީނީ ހުއްޖަތެއް އޮވެގެން ނޫން ކަމަށެވެ. އެގޮތަށް އޮތީ އެއީ ޕާޓީގެ މެމްބަރުން ބޭނުންވާ ގޮތް ކަމަށް ޕާޓީ އުފެއްދެވި ލީޑަރުންނަށް ގަބޫލުކުރެވިފައި އޮތުމުން ކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.
ޕާޓީގެ ލީޑަޝިޕަށް ކުރިމަތިލެވޭ އުސޫލަށް ގެންނަމުން އަންނަ ބަދަލުތަކާ ގުޅިގެން އެ ޕާޓީން މީގެ ކުރިން ބުނީ އެއީ ވަކި އިންތިހާބަކާ ދިމާކޮށް ކުރާ ކަމެއް ނޫން ކަމަށެވެ. ޕާޓީގެ ގަވާއިދުގައި އިސްލާހުކުރަން ޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ އެކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ޕާޓީން ބުނެފައިވެއެވެ.
އަދާލަތު ޕާޓީގެ ލީޑަޝިޕަށް ކުރިމަތިލުމުގެ އުސޫލަށް ބަދަލުތައް ގެންނަ އިރު އެ ނޫން ވެސް އެކި އިސްލާހުތައް ޕާޓީގެ ގަވާއިދަށް ދަނީ ގެންނަމުންނެވެ. އެގޮތުން ޕާޓީގެ ނާއިބު ރައީސް އަކަށް ތިން މީހުން ހޮވަން ނިންމައި އޭގެ ތެރެއިން އެކަކީ ރަނިން މޭޓް އުސޫލުން އަންނަ މަގާމެއް ކަމަށް މިހާރު ވަނީ ކަނޑައަޅާފައެވެ.
ލީޑަޝިޕަށް ކުރިމަތިލުމުގައި ހުރި މައްސަލަތަކާއި އެ ޕާޓީގެ ގަވާއިދަށް އެކި ކަހަލަ އިސްލާހުތައް ޕާޓީގެ ގަވާއިދަށް ގެންނަމުންދާއިރު އެ މައްސަލަތައް ޕާޓީ ތެރެއިން އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅާފައި ވެއެވެ. އެގޮތުން ޕާޓީގެ ހުރިހާ ބާރެއް ވަކި ބަޔަކަށް ލިބޭ ގޮތަށް ޕާޓީގެ އުސޫލުތައް ބަދަލުކުރަން އުޅޭ ކަމުގެ ޝަކުވާތައް އެ ކޮމިޝަނަށް ލިބިފައިވާ ކަމަށް ކޮމިޝަނުން ބުނެފައި ވެއެވެ.