ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީން ޝަރީއަތް ނިމެންދެން ބަންދުގައި ހުރިހުރިމުގައި އޭނާއަށް ލިބިދެންޖެހޭ ހައްގުތައް ނުލިބޭ މައްސަލާގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އިސްވެރިން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުގެ އަމުރެއް ނެރެން ނިންމައިފިއެވެ.
ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާކަމުގެ ތުހުމަތުގައި ހައްޔަރުކުރި މުހައްމަދު އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދެ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހު ބޭއްވިއިރު، މި އަޑުއެހުމަކީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައިވާތީ ބަންދު މުރާޖައާކުރުމަށް ބޭއްވި އަޑުއެހުމެކެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ބުނާގޮތުން، ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމައިފިނަމަ، އެ ނިންމުން، ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރަން ޖެހެއެވެ. އަދި، އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި، އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން، އޭނާ ކޯޓަށް ހާޒިރުކުރަންޖެހެއެވެ.
އަންގާރަ ދުވަހުގެ އަޑުއެހުމުގައި ވެސް، އަމީން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް ވަނީ ނިންމަވާފައެވެ.
ނަމަވެސް އަމީން ޖަލު ބަންދުގައި ހުންނައިރު، އޭނާއަށް ލިބެންޖޭހެ ބައެއް ހައްގުތައް ނުލިބޭކަމަށް އަމީން ބުނެފައިވާތީ، އަދި މީގެކުރީގެ އަޑުއެހުންތަކުގައި އެވާހަކަތައް ތަކުރާރުވެ، ކަރެކްޝަންސް ސަރވިސުންވެސް އެކަންކަން ހަމަޖައްސާދީފައިނުވާކަމަށް އަމީން ބުނަމުންދާތީ، ގާޒީ ވަނީ ކަރެކްޝަންސްގެ އިސްވެރިން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމަށް އަމުރެއް ނެރުމަށް ނިންމާފައެވެ.
އަމީނު ބުނީ، އޭނާ ގޮޅިން ބޭރަށް ނުނެރޭތާ ދެ މަސްވެފައިވާ ކަމަށާއި، ކަސްރަތާއި، ސިއްހީ ފަރުވާ ދިނުމުގައި ވެސް ކަރެކްޝަންސްއިން އިހުމާލުވަމުންދާ ކަމަށެވެ.
މީގެއިތުރުން ގާޒީ ވިދާޅުވީ، އަމީންގެ މައްޗަށް އުފުލާފައިވާ މި ދެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 27 ވަނަ ދުވަހު ބޭއްވޭނެ ކަމަށާއި، އެއީ ޝަރީއަތުގެ ކުރިން ހުށަހަޅަފައިވާ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުންމަށް ބޭއްވޭ އަޑުއެހުމެއް ކަމަށެވެ.
އަމީންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ، ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއަކާއި ޓެރަރިޒަމް އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއެކެވެ.
ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާ ކަމަށް ތުހުމަތު ކުރެވޭ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުޙައްމަދު އަމީން އަކީ އެމެރިކާއިން ޓެރަރިސްޓުންގެ ގޮތުގައި ކަނޑައަޅާ މީހުންގެ ލިސްޓުގައި ހިމެނުނު ފުރަތަމަ ދިވެއްސެވެ. އަމީނަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ދަ ޓްރެޒަރީޒް އޮފީސް އޮފް ފޮރިން އެފެއާޒް ކޮންޓްރޯލް (އޯއެފްއޭސީ) އިން އޭނާ އަށް މާލީ ދަތިކުރުމުގެ ފިޔަވަޅު އެޅީ މިދިއަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ.
ޓެރަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައިފަހުން ފުލުހުން ދޭތެރެ ދޭތެރެއިން އޮޕްރޭޝަންތައް ބާއްވަމުންދާއިރު އަމީން ހައްޔަރުކޮށްފައިވަނީ ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ މީހުން ރެކްރޫޓް ކުރުމުގައި ހަރަކާތްތެރިވާ ކަމުގެ ތުހުމަތުގައި މިދިއަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ އޭނާ ދިރިއުޅޭ މ. ވޯލްނަޓްގެ އިންނެވެ.
ސެޕްޓެމްބަރު 11، 2001 ގައި އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ޓެރަރިސްޓުންގެ ލިސްޓެއް ހަދައި، އެ ލިސްޓުގައި ހިމަނާފައިވާ އަމީނަކީ ސީރިއާ އާއި އަފްޣާނިސްތާނުގައި ވަރަށް އިސް މީހެއްގެ ގޮތުގައި އައިސިސްއަށް މަސައްކަތްކޮށްދޭ މީހެއް ކަމަށް ބުނެފައިވެއެވެ. އަދި ކުރިން ސީރިއާއަށް ހަނގުރާމަވެރިން ފޮނުވުމަށް ފަހު މިހާރު ފޮނުވަނީ އަފްޣާނިސްތާނަށް ކަމަށް ވެސް ބުނެފައިވެއެވެ. އަދި މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެ ޖަމާއަތްތަކަށް އަމީން އެހީތެރިވާކަމަށް އެމެރިކާއިން ބުނެފައިވެއެވެ.