އެހެން ޔުނިވަރސިޓީތަކާއި ގުޅިގެންނާއި އެހެން ސްކޫލަކަށް ކުދިން ފޮނުވައިގެންވެސް ކޯސް ނުނިމި ތިބި ކުދިންނަށް އެ ފުރުސަތު ދިނުމަށް ނިންމާފައިވާކަމަށް ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ އޭޝިޔަން އެކެޑެމީ އޮފް އެރޮނޯޓިކްސް (އޭއޭއޭ) އަށާއި އެ އެކެޑެމީގައި ކިޔަވަމުންދާ ދަރިވަރުންނަށް ކުރިމަތިވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ މި މައްސަލަ އެންމެ ބޮޑުވެފައިވަނީ 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާއި ދެމެދުގެ މުއްދަތުގެ ތެރޭގައި ކަމަށެވެ. އަދި ރަސްމީ ސިފައެއްގައި މި މައްސަލަ މިނިސްޓްރީއަށް އައިސްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ކަމަށާއި އެންމެ ފުރަތަމަ މައްސަލަ ހުށައެޅީ އަމިއްލަ ފަރާތަކުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މައްސަލަ ހުށައެޅުމާއެކު މިކަން ބެލުމައްޓަކައި ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރާއި މައްސަލަ ހަވާލު ކުރެއްވިކަމަށް ވިދާޅުވެ މިނިސްޓަރ ނަހުލާ ވިދާޅުވީ މައްސަލަ ބަލަން ފެށުނު ކަމަށެވެ. އަދި އެންމެ ފުރަތަަމަ މާ ބޮޑު މައްސަލަތަކެއް އުޅޭ ކަމަށް ފާހަގަ ނުވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެއަށްފަހު މި މައްސަލަ ސޯޝަލް މީޑިއާގައި އާއްމުވެ، އެންމެންގެ ސަމާލުކަމަށް ގެނެވުން ކަމަށް މިނިސްޓަރ ނަހުލާ ފާހަގަ ކުރެއްވިއެވެ.
މިނިސްޓަރ ނަހުލަ އިތުރަށް ވިދާޅުވީ އެއާއެކު މިނިސްޓަރ އަމިއްލައަށް މައްސަލަ ބެއްލެވުމާއި ހަވާލުވެވަޑައިގެން މައްސަލަ ބައްލަވަން ފެއްޓެވިކަމަށެވެ. އަދި ސިވިލް އޭވިއޭޝަން ޓީމެއް އެކޮޅަށް ފޮނުއްވުމަށްފަހު މި މައްސަލަ އިތުރަށް ބައްލަވާ އެކަމާއި ގުޅޭ އިތުރު މައުލޫމާތު ހޯއްދެވީކަމަށް މިނިސްޓަރ ހާމަކުރެއްވިއެވެ. އެގޮތުން ފްލައިންގ ސްކޫލްގެ މައްސަލައިގެ ތެރޭގައި ކުދިން ތަފާތުކުރުމާއި، ފުރައްސާރަކުރުން ފަދަ އިތުރު މައްސަލަތައްވެސް ވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ސިވިލް އޭވިއޭޝަންގެ އެންގުންތަކާއި މެދު ފްލައިންގ ސްކޫލުން އަމަލު ކުރަމުން ދިޔައީ ދޯދިޔާކޮށް ކަމަށެވެ. އެގޮތުން މިހާރު ފްލައިންގ ސްކޫލުގެ ކަންކަން ހިނގާގޮތް ބެލުމަށް ސިވިލް އޭވިއޭޝަންގެ ފަރާތުން މީހަކު އައްޔަނު ކޮށްފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި މިހާރު ކުރެވެމުންދާ އެންމެ މުހިއްމު މަސައްކަތީ ވަކިވަކި ދަރިވަރުންގެ އެސެސްމެންޓު ހެދުން ކަމަށާއި މި އެސެސްމެންޓު ނިމުމާއިއެކު ދަރިވަރުންގެ ކޯސް ނިމޭނެ ވަކި ތާރީހެއް އެނގިގެން ދާނެކަމަށް މިިނިސްޓަރ ވިދާޅުވިއެވެ.
މީގެ އިތުރުން މި ކޮމިޓީގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ އިބްރާހީމް ހަސަން ވެސް ވަނި ވާހަކަ ދައްކަވާފައެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ ފްލައިންގ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ ލޯނުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާކަމަށެވެ. އަދި އެކުދިންގެ ހާލު ގާތުން ބަލަމުން އަންނަ ކަމަށާއި ދަރިވަރުން ހުށައަޅަމުންދާ ހުރިހާ މައްސަލައެއްވެސް ބަލަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.