ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ކުނި އުކަން ރަޖިސްޓްރީ ކޮށްފައިވާ ގޭބިސީތަކުގެ ތެރެއިން 20 ޕަސަންޓު ގެތަކުން ވެސް މަހު ފީ ނުދައްކާ ކަމަށް ވެމްކޯއިން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވީ ލާރި ދެއްކުމުގެ މައްސަލަ އަކީ ވެމްކޯ އުފެއްދީއްސުރެ އަބަދުވެސް ދިމާވަމުން އަންނަ މައްސަލައެއް ކަމަށެވެ. އަދި ކޮވިޑް-19ގެ ސަބަބުން އައި އިގްތިސޯދީ ދަތިކަމުގެ ފީ ނުދައްކާ މައްސަލަ ވަކިން ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ގާތްގަނޑަކަށް 34،000 ގޭބީސީ ހުރި އިރު އޭގެ ތެރެއިން ވެމްކޯ އިން ކުނި އުކަން ރަޖިސްޓްރީކޮށްފައިވަނީ 19،000އެއްހާ ގޭބީސީ އިންނެވެ.
ކޮވިޑްގެ ކުރިން އެ 19،000ގެ ތެރެއިން ގާތްގަނޑަކަށް 50 ޕަސަންޓު ވަރު މީހުން ދައްކާ. ކޮވިޑް އާ ގުޅިގެން އެންމެ ރަނގަޅު މަސް މަހުގަ ވެސް ގާތްގަނޑަކަށް އޭގެ 30 ޕަސަންޓު ވަރު އަޅުގަނޑުމެންނަށް މި ލިބެނީވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުހައްމަދު
މީގެ ކުރިން ވެމްކޯ އިން ކުނި ނަގަނީ ކޮންމެ ގެއެއްގެ ވެސް ދޮރާ ހަމައިންނެވެ. ވަކި ވަކިން ފްލޯތަކަށް އަރައި ހިދުމަތް ދެމުން އައި އިރު ރަޖިސްޓްރީކޮށްފައިނުވާ ގެތަކަށް ހިދުމަތެއް ނުދެއެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން އެޅި ފިޔަވަޅެއްގެ ގޮތުން ވެމްކޯއިން ވަނީ ކުނި އުކާ ވަކި ގަޑިއެއް ކަނޑައަޅާ އެގަޑި އަކަށް ކޮންމެ ގެއެއްގެ ވެސް ހުރިހާ ފްލޯއެއްގެ ކުނި އެބަޔަކު އަމިއްލައަށް ތިރީގައި ބަހައްޓާ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ.
އާދަމް މުހައްމަދު ވިދާޅުވީ އެގޮތަށް އުސޫލު ބަދަލުކުރި ފަހުން ކުރިން ރަޖިސްޓްރީކޮށްފައި ތިބި ބައެއް މީހުން ރަޖިސްޓްރޭޝަން ކެންސަލްކޮށްފައިވާ ކަމަށެވެ. ނަމަވެސް ތިރީގައި ބަހައްޓާ ކުންޏަކީ ވަކި ކޮންބައެއްކަން ފާހަގަ ނުވާނެ ކަމަށާއި އެގޮތުގެ މަތިން ރަޖިސްޓްރީ ނުކުރާ އަދި ފައިސާ ނުދައްކާ ފަރާތްތަކަށް ވެސް ހިދުމަތް ދެމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވީ ވެމްކޯގެ ކުނި ބިލަށް ފައިސާ ނުދެއްކި ނަމަވެސް އެއީ ބަޔަކުގަދަކަމުން ކުރުވާ ނުވަތަ ގާނޫނަކުން ލާޒިމް ކުރާ ކަމަކަށް ހަދަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެއީ ކޮންމެ މީހެއްގެ ވެސް އަމިއްލަ ޒިންމާއެއް ކަމަށާއި ގޭގައި އުފައްދާ ކުނި މިހަކު އައިސް ކޮންމެ ދުވަހަކު އުކާ ދިނުމުން މަހަކު 150ރ ދިނުން އެއީ ބޮޑުކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.