މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އަންގާރަ ދުވަހުގެ ހެނދުނު 09:15ން މެންދުރު 13:00ށް ހއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ. އެގޮތުން ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޫސުމާ ބެހޭ ގައުމީ އިދާރާގެ އެސިސްޓަންޓް މީޓިއަރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވީ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އަދި ވައިގެ ބާރު މިނަށް ބަލާއިރު ފާއިތުވެދިޔަ ދުވަސްތަކާ އަޅާ ބަލާއިރު ވައިގެ ބާރުމިން ދަށްކަން ފާހަގަކުރައްވާ ހާފިޒް ވިދާޅުވީ އުތުރާއި މެދުރާއްޖެތެރޭގެ ރަށްތަކަށް ވައިގެ ބާރުމިން ޖުމްލަ ގޮތެއްގައި އުޅެނީ 8 މޭލާއި 18 މޭލާ ދެމެދުގައި ކަމަށެވެ. އަދި ދެކުނުގެ ރަށްތަކަށް 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ހާފިޒް ވިދާޅުވިއެވެ.
ހާފިޒް އިތުރަށް ވިދާޅުވީ އަންގާރަ ދުވަހު މޫސުން ގޯސްވި ނަމަވެސް، ބުދަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.