ކ. މާލެ
|
5 ޖެނުއަރީ 2021 | އަންގާރަ 08:39
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް
ލޯކަލް ކައުންސިލް އިންތިހާބު
ކައުންސިލް އިންތިހާބު އަވަހަށް ބާއްވަން ގާނޫނު އިސްލާހުކުރަން ރައީސް ނަޝީދު ގޮވާލައިފި
ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރި 3 އަށް އިތުރުކުރުމުން އިލެކްޝަނުން ވަނީ މާޗް މަހުގައި ވެސް އިންތިހާބު ނުބޭއްވޭނެ ކަމަށް ބުނެފަ
އިންތިހާބު ބޭއްވޭނެ އެންމެ ފަހުގެ ތާރީހަކީ މޭ 9
ގާނޫނު ބަދަލުކުރަން އީސީ އިން ވެސް ގޮވާލާފައި ވޭ

ލޯކަލް ކައުންސިލް އިންތިހާބު އަވަހަށް ބާއްވަން ގާނޫނަށް ބަދަލު ގެންނަން ޖެހޭ ނަމަ މިހާރު އެކަން ކުރުން ވެސް ވަރަށް މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިހާބު ބޭއްވުމުގައި ދިމާވަމުން އަންނަ ހުރަސްތަކާ ގުޅިގެން ގާނޫނު އިސްލާހު ކުރުމަށް އިލެކްޝަން ކޮމިޝަނުން ވެސް ގޮވާލާފައިވެއެވެ.

ލޯކަލް ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ހަމަޖެއްސި ތާރީހަކި މިދިޔަ އޭޕްރިލް 4 އެވެ. ނަމަވެސް ރާއްޖެއިން ކޮވިޑް-19 ފެނި އިއުލާންކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ކައުންސިލް އިންތިހާބު ވަނީ ފަސްކޮށްފަ އެވެ. އެ މަހުގެ 18 ވަނަ ދުވަހަށް ފަސްކުރުމަށް ފަހު ދެން އިންތިހާބު ފަސްކުރީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.

ކައުންސިލް އިންތިހާބު ފަސްކުރިތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ވެފައިވާއިރު އިލެކްޝަނުން މަސައްކަތްކުރަމުން އައީ މި މާޗް މަހު އިންތިހާބު ބާއްވާށެވެ. ނަމަވެސް ކުއްލި ނުރައްކަލުގެ ހާލަތު ފެބްރުއަރި 3 އަށް އިތުރުކުރުމުން އިލެކްޝަނުން ވަނީ މާޗް މަހުގައި ވެސް އިންތިހާބު ނުބޭއްވޭނެ ކަމަށް ބުނެފަ އެވެ.

އެކަމާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކައުންސިލް އިންތިހާބު ވި އެންމެ އަވަހަކަށް ބޭއްވުން މުހިންމު ކަމަށެވެ. އަދި އެކަން ކުރަން ގާނޫނަށް ބަދަލުތައް ގެންނަން ޖެހޭ ނަމަ އެކަން ކުރުން ވެސް މުހިންމު ކަމުގައި ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު، ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އިންތިހާބު ފަސްކުރީ ހާއްސަ ގާނޫނެއްގެ ދަށުން މި އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހަކީ އިންތިހާބު ބޭއްވުމަށް ކަނޑައެޅޭނެ އެންމެ ފަހު ތާރީހުކަމަށް ބަޔާންކުރުމަށްފަހުގައެވެ. ނަމަވެސް އިންތިހާބު ބާއްވަން އޮތް އެންމެ ބޮޑު ހުރަހަކީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށް ވާއިރު، އެ ހާލަތުން އަރައިގަނެވޭނެ ވަކި ދުވަހެއް ނޭނގޭ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފައި ވެއެވެ.

އެހެންވެ ރައްކާތެރިކަމާ އެކު އިންތިހާބު ބޭއްވޭނެ ގޮތަކާ މެދު އިލެކްޝަނާ އެޗްޕީއޭއިން ވެސް މީގެ ކުރިން މަޝްވަރާކޮށްފައި ވެއެވެ. ނަމަވެސް އެކަމަށް އަދި ގޮތެއް ނިމިފަ އެއް ނުވެ އެވެ.

- ކޮމެންޓް