ކ. މާލެ
|
5 ޖެނުއަރީ 2021 | އަންގާރަ 04:40
ސައުތު ކޭޓަރިންގގެ ވެރިޔާ މުހައްމަދު ތައުފީގު (ސައުތު ތައުފީގު): ހަމަލާދީ މަރާލާނެކަމުގެ އިންޒާރު ދީފައިވާ ކަމަށް ވިދާޅުވި
ސައުތު ކޭޓަރިންގގެ ވެރިޔާ މުހައްމަދު ތައުފީގު (ސައުތު ތައުފީގު): ހަމަލާދީ މަރާލާނެކަމުގެ އިންޒާރު ދީފައިވާ ކަމަށް ވިދާޅުވި
ރާއްޖެ އެމްވީ
ސައުތު ތައުފީގަށް މަރުގެ އިންޒާރު ދިން މައްސަލަ
ސައުތު ތައުފީގަށް މަރުގެ އިންޒާރުދިން މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
ސައުތު ތައުފީގު ވިދާޅުވީ، ބަޔަކު މީހުން އޭނާއަށް ހަމަލާދީ ބިރުދައްކައި، މަރާލާނެ ކަމުގެ އިންޒާރު ދެތިން ފަހަރެއްގެ މަތިން މިފަހަކުން ދީފައިވާ ކަމަށް
އެ ބަޔަކު ޑިމާންޑް ކުރަނީ 600،000ރ ދިނުމަށް ކަމަށްވެސް ތައުފީގު ވިދާޅުވި

ކޭޓަރިންގ ވިޔަފާރީގައި ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު ތައުފީގު (ސައުތު ތައުފީގު)އަށް ބަޔަކު މީހުން ބިރުދައްކައި މަރާލާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށްބުނާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

"ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން އާދިއްތަ ދުވަހުގެ ރޭ ސައުތު ތައުފީގު ވިދާޅުވެފައިވަނީ، ބަޔަކު މީހުން އޭނާއަށް ހަމަލާދީ ބިރުދައްކައި، މަރާލާނެ ކަމުގެ އިންޒާރު ދެތިން ފަހަރެއްގެ މަތިން މިފަހަކުން ދީފައިވާ ކަމަށެވެ. ތައުފީގު ތުހުމަތު ކުރައްވާގޮތުގައި މަރާލާނެ ކަމުގެ އިންޒާރު ދެމުންދަނީ، ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގެ ގޮތުގައި ދަރުބާރުގެ ބޭނުން ކުރަމުން ދިޔައިރު، އެތަނަށް ކެއިންބުއިމުގެ ހިދްމަތް ދިނުމުގައި 600،000ރއަށް ޑިމާންޑް ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އަދި އިންޒާރު ދެމުންދަނީ، އެންއީއޯސީއަށް ކެއިންބުއިމުގެ ހިދްމަތް ދިނުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ މުވައްޒަފެއްކަމަށް ވެސް ތައުފީގު ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ތައުފީގަށް ހަމަލާދީ މަރާލާނެ ކަމުގެ އިންޒާރުދިން މައްސަލައާ ގުޅިގެން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މިދިއަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހުގެ ރޭ ގްރޭޓަރ މާލެ ބަސް ޓަރމިނަލް ސަރަހައްދުން މީހަކު ދަނިކޮށް ސައިކަލެއްގައިދިޔަ ބަޔަކު މަރުގެ އިންޒާރުދީފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ހެކި ހޯދުމަށް ތަހުގީގުގެ ތެރެއިން މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ސައުތު ތައުފީގުގެ ގޭގައި ހުންނަ ސައުތު އެންޓަރޕްރައިސަސް އޮފީހުގެ ދޮރަށް ގެއްލުންދީފައިވާ މައްސަލައެއް ނޮވެމްބަރު މަހުގެ 10 ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އަދި މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މީގެއިތުރުން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލެ ފަތާ ޓްރެކް ސަރަހައްދުގައި މީހަކަށް ހަމަލާދީ މާރާމާރީ ހިންގައި، މަރުގެ އިންޒާރުދީފައިވާ މައްސަލައެއްވެސް މި ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ތައުފީގަށް ހަމަލާދީ މަރާލާނެކަމުގެ އިންޒާރު ދެމުންދަނީ އެންޑީއެމްއޭގެ މުވައްޒަފެއް ކަމަށްވާ އަބްދުﷲ ނާފިއުކަމަށް ތައުފީގު ތުހުމަތު ކުރެއްވި ނަމަވެސް، "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްވަމުން ނާފިއު ވަނީ ތައުފީގުގެ އެތުހުމަތުތައް ދޮގު ކުރައްވާފަ އެވެ. އަދި ނާފިއު ވިދާޅުވެފައިވަނީ، އޭނާއަކީ ދުވަހަކުވެސް، ތައުފީގާ ބައްދަލުވެ، އެފަދަ އެއްވެސް މުއާމަލާތެއް ކުރި މީހެއް ނޫންކަމަށާއި އޭނާއަކީ އެންޑީއެމްއޭގެ އާދައިގެ މުވައްޒަފެއް ކަމަށެވެ. އަދި ދަރުބާރުގޭގެ ކޭޓަރިންގކަންކަން ނިންމުމުގައި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި އޭނާާއަކީ އެފަދަ ކަންކަން ނިންމުމުގެ ޒިންމާއޮތް ފަރާތެއްވެސް ނޫން ކަމަށެވެ.

މީގެއިތުރުން ނާފިއު ވިދާޅުވެފައިވަނީ، އެންޑީއެމްއޭގެ އިސްވެރިންނާމެދު، ތައުފީގު ތުހުމަތުތަކެއް ކުރައްވާކަމުގެ ވާހަކަތަކެއް އަޑުއިވިފައިވާ ކަަށާއި، ނަމަވެސް އެއީ އެއްވެސް ހަގީގަތެއް އެކުލެވިގެންވާ ވާހަކަތަކެއް ނޫންކަމަށެވެ.

- ކޮމެންޓް