މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ތ. ތިމަަރަފުއްޓާއި ޅ. ނައިފަރު އަދި ހދ. ކުޅުދުއްފުށީގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެއްޗާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި ތިން ރަށުގައި ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން ނައިފަރުގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަނުގައި 30 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ އެރަށު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވި ވަގުތު އަތުތެރޭގައި އޮތް އެއްޗެއް އެއްލާލި މަންޒަރު ފުލުހުންނަށް ފެނުމުން އޭނާގެ ހާޒިރުގައި އެއެތި ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 160 ރަބަރު ޕެކެޓް ފެނިފައިވެއެވެ.
ކުޅުދުއްފުށީގައި ހިންގި އޮޕަރޭޝަނަކީ ވެސް އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. އެ އޮޕަރޭޝަނުގައި 37 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާއިރު، މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
ތިމަރަފުށީގައި ހިންގި އޮޕަރޭޝަނަކީ ތިމަރަފުށިން އެ އަތޮޅު ދިޔަމިގިއްޔަށް މަސްތުވާތަކެތި ގެންދާ ކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ތިމަރަފުށީގައި މަސައްކަތްކުރާ ފުލުހުންނާއި، ދިޔަމިގިލީގައި މަސައްކަތްކުރާ ފުލުހުންގެ އިތުރުން އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. މި ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި 19 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވެއެވެ.
ތިމަރަފުށީ ފަޅުގައި އޮތް ދޯންޏަކުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބޮޑު ސެލޯފިންގަނޑެއް ފެނިފައިވެއެވެ.
ފުލުހުން ބުނީ މި މައްސަލަތައް އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.