މާލޭގެ ވިޔަފާރި ބަނދަރު ތަރައްގީކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ގޮތުން ފަށާފައިވާ ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިމިފައިވާ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.
ހޯމަ ދުވަހު ޕްލޭނިންގ މިނިސްޓްރީން ބުނީ ގުޅިފަޅު ހިއްކުމުގެ މަސައްކަތް ހުއްޓާނުލައި ކުރިއަށްދާ ކަމަށާއި، މާޗު މަހުގެ ތެރޭގައި މި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ގުޅިފަޅުގެ ފުރަތަމަ ފިޔަވަހި ހިއްކުމަށް ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ބޮސްކާލިސް ކުންފުންޏާއެވެ. ގުޅިފަޅަށް ޕޯޓު ބަދަލުކުރުމަށް ފުރަތަމަ ފިޔަވަހީގައި ޕްލޭންކޮށްފައި އޮތީ ހަ މިލިޔަން ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކުމަށެވެ. އެ މަސައްކަތް މިހާރު ނިމިފައިވާއިރު، ޕްލޭނިންގ މިނިސްޓްރީން ބުނީ މިހާރު ކުރިޔަށްދަނީ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކަމަށެވެ.
ގުޅިފަޅު ހިއްކައިގެން ހިންގާ މަޝްރޫއުގައި ސަރުކާރުގެ ވިސްނުމަކީ މާލޭ ނޯތު ހާބަރުގައި މިހާރު ދެމުން އަންނަ ޚިދުމަތްތައް ގުޅީފަޅަށް ބަދަލުކުރުމެވެ. އޭގެ ތެރޭގައި ގުދަންތަކާއި ހޯލްސޭލް ފިހަރާތަކައްވެސް ހިމެނެއެވެ.
މި މުޅި މަޝްރޫއަށް ޕްލޭނިންގ މިނިސްޓްރީން 120 މިލިޔަން ޑޮލަރު ޚަރަދުކުރާނެއެވެ. އަދި މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ބޮސްކާލިސްއާ 53 މިލިޔަން ޑޮލަރަށް ހަވާލުކޮށްފައިވަނީ ބީލަމަށް ނުލައެވެ.
ތިލަފުށީގައި ކުރިން އަޅަން ނިންމި ޕޯޓް ގުޅިފަޅަށް ބަދަލުކޮށް ބޮޑު ސަރަހައްދެއް ހިއްކަން ފެށުމުން ތިމާވެށީގެ ތަޖުރިބާކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެެވެ.