ކ. މާލެ
|
4 ޖެނުއަރީ 2021 | ހޯމަ 19:44
ރައީސް ޞާލިޙް އަބޫ ދާބީގެ ވަލީއަޙުދު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް ޞާލިޙް އަބޫ ދާބީގެ ވަލީއަޙުދު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ރައީސް އޮފީސް
އަބޫ ދާބީ އާއި ރާއްޖޭގެ ގުޅުން
ރައީސް ޞާލިޙް އަބޫ ދާބީގެ ވަލީއަޙުދާ ބައްދަލުކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ ހޯމަ ދުވަހުގެ ހެނދުނު އަބޫ ދާބީގެ ވަލީއަޙުދުގެ ގަނޑުވަރުގައި
ކޮވިޑް-19 ގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާކުރެއްވި
ރާއްޖޭގެ ހުރިހާ ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުންވެސް މަޝްވަރާކުރެއްވި

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަބޫ ދާބީގެ ވަލީއަޙުދު ޝެއިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ ހޯމަ ދުވަހުގެ ހެނދުނު އަބޫ ދާބީގެ ވަލީއަޙުދުގެ ގަނޑުވަރުގައެވެ.

މި ބައްދަލުކުރެއްވުމާއި ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ ކޮވިޑް-19 ގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ. އަދި ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) އިން ކޮވިޑް-19 އާ ގުޅިގެން ދައްކާފައިވާ ލީޑަޝިޕުގެ އިތުރުން، ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ކުރަމުންދާ މަސައްކަތްތައް ރައީސް ޞާލިޙް ފާހަގަކުރައްވައި ވަރަށް ބޮޑަށް ތާރީފުކުރައްވާފައިވާ ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި އަބޫ ދާބީގެ ފަންޑުގެ އެހީތެރިކަމާއެކު ކުރިއަށްދާ މަޝްރޫއުތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށާއި، ރާއްޖެއަށް ޔޫއޭއީން ވަމުންދާ އެހީތެރިކަން ފާހަގަކުރައްވައި ރައީސް ޞާލިޙު ޝުކުރުއަދާކުރައްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ކުރިއަށް އޮތްތަނުގައވެސް މިގުޅުން އިތުރަށް ކުރިއަށް ގެންދިއުމަށް ދެ ފަރާތަށް ވެވެން އޮތް އެހީތެރިކަމާ ބެހޭ ގޮތުންވެސް މަޝްވަރާކުރައްވާފައިވާ ކަމަށް މައުލޫމާތުދެއެވެ. އަދި މި ބައްދަލުކުރެއްވުމުގައި އަބޫ ދާބީގެ ވަލީއަޙުދު ވަނީ ހުރިހާ ގޮތަކުން އަދި އެކި ދާއިރާތަކަށް ކުރިއެރުވުމަށް އަބަދުވެސް ރާއްޖެއަށް އެހީތެރިވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

1970 ވަނަ އަހަރުން ފެށިގެން އަބޫ ދާބީން ވަނީ ރާއްޖެއަށް ވަރަށް ގިނަ ގޮތް ގޮތުން އެހީވެދީފައެވެ. އެގޮތުން ނިމިދިޔަ އަަހަރުގެ މާޗު މަހުގެ ނުވަވަނަ ދުވަހު އަބޫ ދާބީ ޑިވެލޮޕްމެންޓް ފަންޑުން ބަޖެޓް ސަޕޯޓުގެ ގޮތުގައި 50 މިލިޔަން ޑޮލަރު ވަނީ ދީފައެވެ.

- ކޮމެންޓް