ކ. މާލެ
|
4 ޖެނުއަރީ 2021 | ހޯމަ 18:51
އިސްލާމީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން
އިސްލާމީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
އިސްލާމީ މަރުކަޒު މަރާމާތުކުރުން
އިސްލާމީ މަރުކަޒުގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު މަރާމާތުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް
މަރާމާތުގެ މަސައްކަތް ޚަލީފާ ފައުންޑޭޝަނާ ހަވާލުކޮށްގެން 2019 ވަނަ އަހަރުން ފެށިގެން ކުރިއަށްދޭ
މިސްކިތުގެ ސައުންޑް ސިސްޓަމާއި، ހުރިހާ ބޮކިތަކާއި ފަންކާތައް މިހާރު ވަނީ ބަދަލުކޮށްފައި
މިސްކިތުގެ ޓިނު ބަދަލުކުރުމާއި، ކާޕެޓުތައްވެސް ބަދަލުކުރާނެ

އިސްލާމީ މަރުކަޒުގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު މަރާމާތުގެ މަސައްކަތުގެ ތެރެއިން ގުއްބާއި މުންނާރު މަރާމާތުކުރަން ތައްޔާރުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމީ މަރުކަޒުގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު މަރާމާތުގެ މަސައްކަތް ސައުދީ އަރަބިއްޔާގެ އަމިއްލަ ޖަމުޢިއްޔާއެއް ކަމަށްވާ ޚަލީފާ ފައުންޑޭޝަނާ ހަވާލުކޮށްގެން 2019 ވަނަ އަހަރުން ފެށިގެން ކުރަމުންދާ ކަމަށެވެ. އަދި މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާކަންވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

އެގޮތުން މަރުކަޒުގެ އެތެރޭގެ ބައެއް މަސައްކަތް ނިމި ބޭރުގެ ބައެއް މަސައްކަތްތައް ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތުގެ ސައުންޑް ސިސްޓަމާއި، ހުރިހާ ބޮކިތަކާއި ފަންކާތައް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ. އަދި މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތުގެ ދަށުން މިސްކިތުގެ އެތެރޭގައި އެއްކޮށް ކުލަލުމާއި، ލަކުޑީގެ ބައިތައް ސާފުކޮށް ވަރނިޝް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިސްލާމީ މަރުކަޒުގައި ކުރުމަށް ހުރި އެންމެ ބޮޑެތި މަސައްކަތްތަކަށް އަލިއަޅުވާލައި އިސްލާމިކް މިނިސްޓްރީން ބުނީ ގުއްބު އަދި މުންނާރުގެ ބޮޑެތި މަރާމާތުގެ މަސައްކަތްތަކެއް ކުރަން ވަނީ ތައްޔާރުވެފައިވާ ކަމަށެވެ. ނަމަވެސް މަސައްކަތް ފަށާނެ ވަކި ތާރީޚެއް މިނިސްޓްރީން އާންމުކޮށްފައެއް ނުވެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި މަސައްކަތުގެ ތެރެއިން މިސްކިތުގެ ޓިނު ބަދަލުކުރުމާއި، ކާޕެޓުތައް ބަދަލުކުރުމާއި، މިސްކިތުގައި ބޮޑު ދެ ފަންކާ ހަރުކުރުމުގެ އިތުރުން މިސްކިތުގެ ހަތަރު ޗާންދަލިއާވެސް ބަދަލުކުރާނެ ކަމަށެވެ.

މިސްކިތްތައް ބެލެހެއްޓުން 2019 ވަނަ އަހަރު ބަޖެޓާއެކު ކައުންސިލުތަކާއި ހާވަލުކޮށްފައިވީ ނަމަވެސް، އިސްލާމީ މަރުކަޒު ބެލެހެއްޓުމުގެ އިތުރުން ހުރިހާ މަސައްކަތްތަކެއް ކުރަމުންދަނީ އިސްލާމިކް މިނިސްޓްރީންނެވެ.

- ކޮމެންޓް