ކ. މާލެ
|
4 ޖެނުއަރީ 2021 | ހޯމަ 18:45
އަނަސްގެ މަރުގެ މައްސަލައިގައި ދާދިފަހުން ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން
އަނަސްގެ މަރުގެ މައްސަލައިގައި ދާދިފަހުން ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން
ރާއްޖެއެމްވީ
އަނަސްގެ މަރުގެ މައްސަލަ
އަނަސްގެ މަރުގެ މައްސަލައިގައި ދައުވާކުރި ކުއްޖާގެ މައްޗަށް ކުށް ސާބިތެއްނުވި
މި މައްސަލައިގައި ދައުލަތުން 17 އަހަރުނުވާ ކުއްޖާގެ އިތުރުން، އިތުރު 7 މީހެއްގެ މައްޗަށް ދައުވާކޮށްފައިވޭ
ނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެރޭ ލިޓަސް ގަރާޖް ތެރޭ ވަޅިން ހަމަލާދީގެން
ކުށްޖާގެ މައްޗަށް ކުށް ސާބިތުނުވީ އަނަސްއަށް ހަމަލާދިންއިރު އެތަނުގައި އެ ކުއްޖާ ހުރިކަން ޝައްކެއްނެތް މިންވަރަށް ހެކި ނެތުމުން

ރ. މީދޫ ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރި ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ހުކުމްކޮށްފިއެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު "ރާއްޖެއެމްވީ" އަށް ވިދާޅުވީ އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރި 17 އަހަރުގެ ކުއްޖާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އެ ކޯޓުން ހުކުމްކޮށްފައިވަނީ އާދިއްތަ ދުވަހު ކަމަށެވެ.

އެކުއްޖާގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.

އޮފިޝަލް ވިދާޅުވީ އޭނާގެ މައްޗަށް ދައުވާކުރި އެ މައްސަލަ ޖުވެނައިލް ކޯޓަށް ހުށަހަޅާފައިވަނީ 2017 އޮކްޓޯބަރު އަށްވަނަ ދުވަހު ކަމަށެވެ. އޭރު އޭނާއަކީ 18 އަހަރުން ދަށުގެ ކުއްޖެއްކަމުން އޭނާގެ މައުލޫމާތު ކަމާބެހޭ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު އާދިއްތަ ދުވަހު ޖުވެނައިލް ކޯޓުން ހުކުމްކުރިއިރު، އޭނާއަށް ވަނީ 20 އަހަރުވެފައެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލް ވިދާޅުވީ، އެ ކުއްޖާގެ މައްޗަށް ދައުވާ އިއްވުމުން އޭނާ ދައުވާއަށް އިންކާރުކޮށްފައިވާތީ، އޭނާގެ މައްޗަށް ކުށް ސާބިތުކުރުމަށް ދައުލަތުގެ ފަރާތުން ޝަފަވީ ހެއްކާއި ކިތާބީ ހެކި ހުށަހެޅި ކަމަށެވެ. އަދި ދިފާއުގައި ދައުވާ ލިބޭ ކުއްޖާގެ ފަރާތުން ތިން މީހެއް ހެކީންގެ ގޮތުގައި ހުށަހެޅި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން، އަނަސްއަށް ހަމަލާދިންއިރު، އެ ކުއްޖާ އެތަނުގައި ހުރިކަން ޝައްކެއްނެތް މިންވަރަށް ސާބިތުކުރެވޭވަރުގެ ހެއްކެއް ދައުލަތަށް ހުށަހެޅިފައިނުވާ ކަމަށެވެ. އަދި އަނަސްއަށް ހަމަލާދިން މީހުން ތިބީ މާސްކު އަޅައިގެން ކަމަށްވާތީ އާއި، އެތަނުގައި އެ ކުއްޖާ ހުރިކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ، ވީޑިއޯ އެނަލިސިސް ރިޕޯޓުގައި އަނަސްއަށް ހަމަލާދިން މީހަކާ އެ ކުއްޖާއާ އެއްގޮތް ސިފަތަކެއް ހުރި ކަމަށް ބުނެފައި ވިޔަސް، އެއީ އާންމު ތިން ސިފައެއް ކަމަށްވާތީ އެހެން މީހަކާވެސް އެ ސިފަތައް ދިމާވެދާނެ ކަމަށް އެ ރިޕޯޓު ތައްޔާރުކުރި ފަރާތުން ބުނެފައިވާ ކަމަށެވެ.

ދައުލަތުން ހުށަހެޅި ހެކި، ގަރީނާތަކުން، އަނަސްއަށް ހަމަލާދިން މީހުންގެ ތެރޭގައި ދައުވާލިބުނު ކުއްޖާ ހުރި ކަމާ މެދު ޝައްކު އުފެދޭ ކަންތައްތަކެއް ހުރުމާއެކު، ދިފާއުގައި އެ ކުއްޖާގެ ފަރާތުން ހުށަހެޅި، ތިން މީހުންގެ ހެކިބަހުން، އަނަސް ހަމަލާދިން ވަގުތު، އެ ކުއްޖާ ހުރީ، އެ ތިން މީހުންނާއެކު ހުޅުމާލޭގައިކަމާއި އެ ދުވަހު ހުޅުމާލެއަށް ދިޔަގޮތަށް އެތިން މީހުން އެރޭ މެންދަމު ދޭއް ޖަހަންދެން އެކުގައި ހުޅުމާލޭގައި ގެއެއްގެ ތެރޭގައި ގިނަ ވަގުތު ޕްލޭސްޓޭޝަން ކުޅުމުގައި އުޅުނު ކަމަށް ބުނެފައިވެއެވެ. އަދި ދައުވާ ލިބޭ ކުއްޖާ އެ ދުވަހު ހުޅުމާލެއަށް ދިޔަގޮތަށް، އެރޭ ދޭއް ޖެހުމާ ހަމައަށް ފޯމަތިން ގެއްލިފައިނުވާ ކަމަށްވެސް އެތިން މީހުން ހެކިބަސް ދީފައިވެއެވެ.

އަނަސް މަރާލާފައިވަނީ، 2017 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެރެއެވެ. އަނަސް މަރާލާފައިވަނީ އޭނާ ފަހާ ދުވަމުން ގޮސް، ލިޓަސް ސަރވިސް ސެންޓަރު ތެރެއަށް އޭނާ ވަނުމުން، ފަހަތުން ގޮސް ހަމަލާދީގެންނެވެ. ތޫނު ހަތިޔާރު ބޭނުންކޮށްގެން އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަކަށް ހަމަލާދީފައިވާއިރު، ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައެވެ.

އަނަސްގެ މަރާ ގުޅިގެން އިތުރު ހަތް މީހެއްގެ މައްޗަށްވެސް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރެއެވެ. އެ ދައުވާތަގެ ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

- ކޮމެންޓް