އެންސިސް ފިޝަރީޒްގެ ލޯކަލް ބްރޭންޑް 'އެންޒީ'ގެ ފޮށިތަކެއްގައި ރާއްޖޭން މިޔަރު ބޭރުކުރަން އުޅުނު ފަރާތްކާއި ދެކޮޅަށް މައްސަލަ ހުޅައަޅާނެކަމަށް އެންސިސްގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ވަސީމް ވިދާޅުވެއްޖެއެވެ.
ވަސީމް މިހެން ވިދާޅުވީ އެންޒީ ފޮށިގަނޑުތަކެއްގައި ބަންދުކޮށްގެން ރާއްޖެއިން މިޔަރު އުރަހަތަކެއް ބޭރު ކުރަން އުޅުނު މައްސަލައާއި ގުޅިގެންނެވެ. އެގޮތުން 'ރާއްޖެއެމްވީ'ށް މައުލޫމާރު ދެއްވަމުން ވަސީމް ވިދާޅުވީ މިއީ އެންޒީއާއި ގުޅުން ހުރި އެއްޗެހިތަކެއް ނޫންކަމަށެވެ.
އަދި އުކާލައިފައިވާ އެންޒީގެ ފޮށިތަކެއް މިކަމުގައި ބޭނުން ކޮށްފައިވާތީ ފުލުހުން މައްސަލަ ބަލާ ނިންމަވާ އެއީ ކޮންބައެއް ހިންގި އަމަލެއްކަން ހާމަކުރެއްވުމުން އެ ފަރާތްތަކާއި ދެކޮޅަށް މައްސަލަ ހުށައަޅުއްވާނެ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ކަސްޓަމްސްއިން ވެސް ބުނެފައިވަނީ މި ޝިޕްމަންޓް އެކްސްޕޯޓް ކުރަން ކަސްޓަމްސްއަށް ޑިކްލެއަރ ކޮށްފައިވަނީ އެންޒީ ނޫން ކަމަށެވެ.
އާދިއްތަ ދުވަހު 21 ފޮށީގައި ބަންދުކޮށްފައިވާ ލޮނު މަސް ޝިޕްމެންޓެއްގެ ގޮތުގައި ރާއްޖެއިން ބޭރުކުރަން އުޅުނު މިޔަރު އުރަހަތަކެއް އަތުލައިގެންފައިވަނީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ކަސްޓަމްސް އާ ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.
މި އުރަހަ ތަކުގެ ބަރުދަނުގައި ޖުމްލަ 429 ކިލޯ ހުންނާނެ ކަމަށް ކަސްޓަމްސްއިން ވަނީ ހާމަ ކޮށްފައެވެ.
ރާއްޖޭގައި މިޔަރު ހިފުމަކީ މަނާ ކަމެކެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގަވާއިދާއި ހިލާފަށް މިޔަރު ހިފައި އޭގެ އުރަހަ ވިޔަފާރީގެ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވަމުންދެއެވެ.