ކ. މާލެ
|
4 ޖެނުއަރީ 2021 | ހޯމަ 13:26
ސްޓެލްކޯ އޮފީހުގެ މައި އިމާރާތް
ސްޓެލްކޯ އޮފީހުގެ މައި އިމާރާތް
ރާއްޖެއެމްވީ
ސްޓެލްކޯގެ ކާމިޔާބީ
ކޮވިޑް-19 ގެ ހާލަތުގައި ވެސް މިދިޔަ އަހަަރު ވަރަށް ކާމިޔާބު - މުޣުނީ
ސްޓެލްކޯގެ މި އަހަރުގެ އަމާޒަކީ ހަރަދު ކުޑަކުރުމާއެކު، އާ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފެއްދުން
މި ފެށުނު އަހަރުގެ ލަނޑުދަނޑިތައް ކަނޑައެޅުމަށް މިދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ރަނގަޅަށް ބަލަން ޖެހޭ - މުޣުނީ

ކޮވިޑް-19ގެ ހާލަތުގައި ވެސް ނިމިދިޔަ 2020 ވަނަ އަހަރަކީ ސްޓެލްކޯ އަށް ވަރަށް ކާމިޔާބު އަހަރެއް ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ފުރަތަމަ މަސައްކަތު ދުވަސް ފެށުމުގެ ގޮތުން ލައިވް ސްޓްރީމް މެދުވެރިކޮށް ކުންފުނީގެ ހުރިހާ އިންޖީނުގެތަކުގެ މުވައްޒަފުންނާ މުހާތަބުކުރައްވާ ވާހަކަދައްކަވަމުން މުޣުނީ ވިދާޅުވީ މި ފެށުނު އަހަރުގެ ލަނޑުދަނޑިތައް ކަނޑައެޅުމަށް މިދިޔަ އަހަރު ކޮށްފައިވާ މަސައްކަތްތަކަށް ރަނގަޅަށް ބަލަން ޖެހޭ ކަމަށެވެ. އެގޮތުން މިދިޔަ އަހަރަށް ވުރެ ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅުކޮށް ވަކި މިސްރާބަކަށް މަސައްކަތްކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ނިމިދިޔަ ތަނުގެ ތަޖުރިބާތައް ދެނެގަނެ، ރަނގަޅު ކުރަންޖެހޭ ކަންކަން ރަނގަޅުކޮށް ހާސިލް ކުރުމަށް ލަނޑުދަނޑިތައް ކަނޑައަޅާ މިސްރާބު ހިފަންޖެހޭ. ކޮންމެ މުވައްޒަފަކު އެ މުވައްޒަފެއްގެ މަސައްކަތު ދާއިރާއިން އެކަން ކުރެއްވުމަށް އިލްތިމާސް ކުރަން
ސްޓެލްކޯގެ އެމްޑީ ހަސަން މުޣުނީ

ސްޓެލްކޯއަށް 2020 ވަނަ އަހަރަކީ ކާމިޔާބުގެ އަހަރެއްކަން ފާހަގަކުރައްވައި މުޣުނީ ވިދާޅުވީ، ކޮވިޑުގެ ސަބަބުން މާލެ ސަރަހައްދު ލޮންޑައުން ކުރުމުން އެ ކުންފުނީގެ 220 މުވައްޒަފުން މަސައްކަތްކުރީ އޮފީހުގައި ލޮކްޑައުންވެ ތިބެ ކަމަށެވެ.

އާއިލާ އާއި ދުރުގައި ބަންދުވެގެން ތިބެ ގިނަ ދުވަސްތަކެއް ވަންދެން ކުރަންޖެހުނު މަސައްކަތަކީ ބުރަ އަދި އެހާމެ އުނދަގޫ މަސައްކަތެއް ކަމަށާއި ނަމަވެސް އެކަމުގައި އެ މުވައްޒަފުން ދައްކައިދިނީ ގައުމީ ހިތްވަރާއި ކުންފުންޏަށް އިހުލާސްތެރި ވުމުގައި ނަމޫނާ މިސާލެއް ކަމަށް ވެސް މުޣުނީ ވިދާޅުވެފައިވެއެވެ.

ލޮކްޑައުންގައި ތިބި މުވައްޒަފުންގެ އިތުރަށް ގޭގައި ތިއްބަވައިގެން މަސައްކަތް ކުރި މުވައްޒަފުންގެ މަސައްކަތާއި އަތޮޅުތަކުގައި މަސައްކަތް ކުރި މުވައްޒަފުންގެ ބުރަ މަސައްކަތް ވެސް މުޣުނީ ފާހަގަކުރެއްވިއެވެ.

ކޮވިޑުގެ އެންމެ ދަތި ދުވަސްވަރު ކުންފުނީގެ 50 އަށްވުރެ ގިނަ މުވައްޒަފުން ހިދުމަތަށް ނުކުމެ އެޗްއީއޯސީގެ އެކި ހިދުމަތް ތަކުގައި އަމަލީ ގޮތުން ބައިވެރިވެ، މަސައްކަތް ކޮށްފައިވާކަން މި ފާހަގަކުރަނީ އެ މުވައްޒަފުންގެ ހިދުމަތަށް ފަހުރުވެރިވަމުން. ކުންފުނިން މާލީ އަދި އިޖުތިމާއީ އެހީތެރިކަމުގެ ގޮތުގައި 5.8 މިލިޔަން ރުފިޔާ، ހޭދަ ކޮށްފައިވާނެ
ސްޓެލްކޯގެ އެމްޑީ ހަސަން މުޣުނީ

ތެލަށް ބަރޮސާވެ ކަރަންޓު އުފެއްދުން އެއީ ކުންފުނީގެ ހަމައެކަނި ވިޔަފާރިއަށް ހަދައިގެން ތިބުމުގެ ބަދަލުގައި އެހެން ވިޔަފާރިތަކަކަށް އިންވެސްޓްކޮށް ފުޅާކުރުމާއި ސޯލާގެ ވިޔަފާރި ފުޅާކުރުމަށް ކުރި މަސައްކަތް "ސްޓެލްކޯ ސޯލާ ޕޮޑް – ގްރީން ލައިފް" މިދިޔަ އަހަރުގެ އެންމެ ފަހު ދުވަހު ލޯންޗު ކުރުމަކީ ވެސް ކޮވިޑް ގެ ސަބަބުން ކުންފުނީގެ މަސައްކަތް ނުހުއްޓޭކަން އަންގައިދޭ ކަމެއް ކަމަށް މުޣުނީ ވިދާޅުވިއެވެ.

އަދި މިއީ މި ސިނާއަތަށް ކުންފުނިން ދޫކޮށްލި މުހިއްމު އުފެއްދުމެއް ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކުރައްވާފައިވާ ގޮތަށް އާ އަހަރަކީ ގައުމު އާރަސްތުކުރުމުގެ އަހަރުކަމަށްވާތީ، ރާއްޖޭގެ ހަކަތައިގެ ސިނާއަތުގެ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން ސްޓެލްކޯގެ މި އަހަރުގެ އަމާޒަކީ ހަރަދު ކުޑަކުރުމާއެކު، އާ ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އުފައްދައި، ފޯރުކޮށްދިނުމާއި ސްމާޓް މީޓަރު ފަދަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުން ކަމަށް މުޣުނީ ވިދާޅުވިއެވެ.

- ކޮމެންޓް