ކ. މާލެ
|
4 ޖެނުއަރީ 2021 | ހޯމަ 13:04
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިނިސްޓަރު ފައްޔާޒް އާ ބައްދަލުކުރެއްވުން
އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިނިސްޓަރު ފައްޔާޒް އާ ބައްދަލުކުރެއްވުން
ޓްވިޓަރ
އެމެރިކާ - ރާއްޖެ
ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމެރިކާ ސަފީރު މަޝްވަރާތަކަށް ވަޑައިގެންފި
މި ދަތުރުފުޅުގައި މިނިސްޓަރުންނާއި މަޖިލިސް މެމްބަރުންނާ ބައްދަލުކުރައްވާނެ

އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލައިނާ ޓެޕްލިޓްޒް ރާއްޖެ ވަޑައިގެންފިއެވެ.

ހަފްތާއެއްގެ ރަސްމީ ދަރުފުޅެއްގައި އެކަމަނާ ރާއްޖެ ވަޑައިގެންނެވީ އާދިއްތަ ދުވަހުއެވެ. ޓެޕްލިޓްޒް ވިދާޅުވި ގޮތުގައި އެކަމަނާގެ މި ދަތުރުފުޅަކީ ރާއްޖޭގެ މިނިވަންކަމާއި ފާގަތިކަމާ ގުޅޭ މަޝްވަރާތައް ކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މިނިސްޓަރުންގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ.

މިހާތަނަށް ޓެޕްލިޓްޒް ވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލާއި ބައްދަލުކުރައްވާފައެވެ.

އެކަމާނާ ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ސަރުކާރުގައި ދެގައުމުގެ ދެމެދުގެ ޓްރޭޑްވަނީ 30 ޕަސަންޓު އިތުރުވެފައެވެ. މިނިސްޓަރު ފައްޔާޒްއާ އެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ ދެމެދުގައި ކުރިއަރަމުން އަންނަ ޓްރެންޑާއި ގުޅޭ މަޝްވަރާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރަށް ދެގައުމުން ގުޅިގެން ރާއްޖޭގައި ކުރިއަށް ގެންދެވޭނެ ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާކުރެއްވި ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރަށް މިނިސްޓަރު މަލީހާ ކުރެއްވި ބައްދަލުވުމުގައި ޓެލެކޮމިއުނިކޭޝަންގެ ޑޭޓާ ރައްކާތެރި ކުރުމަށް އެމެރިކާއިން އިސްނަގައިގެން ކުރިއަށްގެންދާ ކްލީން ނެޓްވޯކް އިނިޝިއޭޓިވްއާ ގުޅޭގޮތުން ވާހަކަދެއްކެވި ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއިން ސައިބާ ސެކިއުރިޓީ އަށް ކުރާ މަސައްކަތްތަކުގައި އެމެރިކާގެ ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމުގެ ޔަގީންކަން ޓެޕްލިޓްޒް ދެއްވިއެވެ.

އެކަމަނާގެ މި ދަތުރުފުޅުގައި އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ބައެއް އަންހެން މެމްބަރުންނާ ބައްދަލުކުރައްވާފައިވެއެވެ. އެގޮތުން މަޖިލީހުގައި މިހާރު ތިއްބަވާ ހަތަރު އަންހެން މެމްބަރުންގެ ތެރެއިން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް އާއި ހިންވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދާއި އެކު ހުންނެވި ފޮޓޯއެއް ޓްވީޓު ކުރައްވާ ވިދާޅުވީ ސިޔާސީ މައިދާނުގައި އަންހެނުން ހަރަކާތްތެރިވުމަކީ ވަރަށް ހެޔޮ ބަދަލުތަކެއް އެކަމުން ފެންނާނެ ކަމެއް ކަމަށެވެ.

އެގޮތުން މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން، ރޮޒޭނާ އަދި ޖީހާނަކީ އެކަމުގެ ލާމަސީލު މިސާލެއް ކަމުގައި ވިދާޅުވެފައިވެއެވެ. އެ ބައްދަލުވުމުގައި ރާއްޖޭގައި ހިއުމަން ޓްރެފިކިން ހުއްޓުވުމާއި، އަންހެނުން ބާރުވެރިކުރުވުމާއި ގުޅޭ މަޝްވަރާތައް ކުރެއްވި ކަމަށް ވެސް ޓެޕްލިޓްޒް ވިދާޅުވިއެވެ.

- ކޮމެންޓް