ކ. މާލެ
|
4 ޖެނުއަރީ 2021 | ހޯމަ 10:37
ފިންނޭސް މިނިސްޓްރީ
ފިންނޭސް މިނިސްޓްރީ
ރާއްޖެއެމްވީ
އިންކަމް ސަޕޯޓް ދިނުން
މިދިޔަ އަހަރު ނިޔަލަށް 17،000 އަށް ވުރެ ގިނަ މީހުންނަށް އިންކަމް ސަޕޯޓް ދީފި
އިންކަމް ސަޕޯޓް ދޫކޮށްފައިވަނީ މިދިޔަ އަހަރުގެ ނިޔަލަށް
ޑިސެމްބަރު މަހުގެ ފައިސާ އަށް މި މަހުގެ ނިޔަލަށް ހުށަހެޅޭނެ
މިހާތަނަށް 221.1 މިލިއަން ރުފިޔާ ދޫކޮށްފައިވޭ

ކޮވިޑް-19އާ ގުޅިގެން ދައުލަތުން އާންމުންނަށް މާލީ އެހީގެ ގޮތުގައި ދޭ އިންކަމް ސަޕޯޓުގެ ފައިސާ މިދިޔަ އަހަރުގެ ނިޔަލަށް 17،147 މީހަކަށް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ޑިސެމްބަރު، 31 2020 ގެ ނިޔަލަށް އިންކަމް ސަޕޯޓު ދޫކޮށްފައިވާ ވަރު ހާމަކޮށް ފިނޭންސް އިން ނެރުނު ތަފާސް ހިސާބުތައް ދައްކާގޮތުން 17،147 މީހަކަށް 221.1 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ.

ސަރުކާރުން އިންކަމް ސަޕޯޓުގެ ގޮތުގައި ދޭ މާލީ އެހީ ލިބެނީ ކޮވިޑް-19ގެ ސަބަބުން ވަޒީފާ ގެއްލި ނުވަތަ ނޯޕޭ ލީވް ދީފައިވާ މީހުންނާއި، އާމްދަނީއަށް އަސަރުކޮށްފައިވާ ފްރީލާންސް މަސައްކަތްކުރާ މީހުންނަށެވެ. އެގޮތުން ކޮވިޑް-19ގެ ސަބަބުން ލިބޭ އާމްދަނީ 5،000ރ އަށް ވުރެދަށް ވެފައިވާ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ކޮންމެ މިހަކަށް ވެސް އިންކަމް ސަޕޯޓަށް އެދި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް މެދުވެރިކޮށް ހުށަހެޅޭނެއެވެ. މި ފައިސާ ދޭން ހަމަޖެހިފައި ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން ޑިސެމްބަރާ ހަމައަށެވެ.

އިންކަމް ސަޕޯޓު ތިން ބުރަކަށް ބަހާލައިގެން ދީފައިވާއިރު އެންމެ ފުރަތަމަ ދީފައި ވަނީ އޭޕްރިލް މޭ އަދި ޖޫން މަހާ ހަމައަށެވެ. އޭގެ ފަހުން ޖުލައި އޯގަސްޓު އަދި ސެޕްޓެމްބަރު މަހުގެ ފައިސާ ދީފައިވާއިރު މިހާރު ދޫކުރަމުން އަންނަނީ އޮކްޓޯބަރު ނޮވެމްބަރު އަދި ޑިސެމްބަރު އެ ތިން މަހުގެ ފައިސާ އެވެ. ޑިސެމްބަރު މަހުގެ ފައިސާ އަށް އެދުމުގެ ފުރުސަތު އޮތީ މި ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުން ފެށިގެން 31 ގެ ނިޔަލަށެވެ.

- ކޮމެންޓް