ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ނާއިބު ރައީސް ގެ މަގާމަށް އަންހެން ބޭފުޅުންނަށް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީގެ އަސާސީ ގަވާއިދަށް ބަދަލުގެނެސްފި އެވެ.
މީގެ ކުރިން އެ ޕާޓީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން ޕާޓީގެ ރައީސް އާއި ނާއިބު ރައީސްގެ މަގާމަށް ކުރިމަތިލެވެނީ ހަމައެކަނި ފިރިހެނުންނަށެވެ. ނަމަވެސް މިހާރު ގެނައި ބަދަލުގައިވާގޮތުން ނާއިބު ރައީސްގެ މަގާމަށް އަންހެނުންނަށް ވެސް ކުރިމަތިލެވޭނެ އެވެ.
އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ރައީސް އަލީ ނަޒީރު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ ޕާޓީ އުފެއްދި އިރު ތިބި ލީޑަރުންނަށް ގަބޫލުކުރެވުނު ގޮތުގައި ފިރިހެނުން އިސް މަގާމުތަކުގައި ތިބުމަކީ ޕާޓީގެ އާންމު މެމްބަރުންގެ ވިސްނުން ކަމަށެވެ. ނަމަވެސް މިހާރު ލީޑާޝިޕަށް ބަދަލުތަކެއް އައިސްފައިވާއިރު އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށާއި އެ ބަދަލަކީ ގިނަ މަޝްވަރާތަކަކަށް ފަހު ގެނައި ބަދަލެއް ކަމަށެވެ.
މި މަހުގެ 23 ވަނަ ދުވަހު އަދާލަތު ޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވަން ތައްޔާރުވަމުން އަންނަ އިރު ޕާޓީގެ އިންތިހާބަށް ކުރިމަތިލާން ހުޅުވާލި ހިސާބުން ވެސް އިސް މަގާމުތަކަށް އަންހެނުންނަށް ކުރިމަތި ނުލެވޭ ގޮތަށް އޮތް އޮތުން ކުށްވެރިކޮށް ޕާޓީ ތެރެއިން އެކަމުގެ ޝަކުވާތައް ފެންމަތިކޮށްފައި ވެއެވެ. އަލީ ނަޒީރު ވިދާޅުވީ މި ބަދަލަކީ ވަކި އިންތިހާބަކާ ދިމާކޮށް ގެނައި ބަދަލެއް ނޫން ކަމަށެވެ.
ޕާޓީގެ އަސާސީ ގަވާއިދުގައި ބަދަލުކުރަން ޖެހޭ ކަންތައްތަކެއް ހުރި ކަން ލީޑާޝިޕް އަށް ގަބޫލުކުރެވިގެން އެ މަސައްކަތް ކުރާތާ މިހާރު ވަނީ ގިނަ ދުވަސްތަކެއް ވެފަ. އެގޮތުން އަޅުގަނޑުމެން ކޮމިޓީގެ އަގުލަބިއްޔަތުން ގެނައި ބަދަލެއް މި ބަދަލަކީ.އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ރައީސް އަލީ ނަޒީރު
ގަވާއިދަށް ބަދަލު ގެނައި ނަމަވެސް އަދިވެސް ޕާޓީގެ ރައީސް ކަމަށް އަންހެނުންނަށް ކުރިމައްޗެއް ނުލެވެ އެވެ. އަލީ ނަޒީރު ވިދާޅުވީ ނާއިބު ރައީސް އަކަށް ކުރިމަތިލެވޭ ހިސާބުން ބަދަލުތައް ނިމުނީ ނޫން ކަމަށާއި އަދިވެސް ކުރިއަށް އޮތް ތަނުގައި ރައީސްގެ މަގާމަށް ވެސް ކުރިމަތިލެވޭ ގޮތަށް ބަދަލުވުން އެކަށީގެންވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމުގެ މަޝްވަރާތައް މިހާރު ވަރަށް ހޫނުކޮށް ކުރަމުން އަންނަ ކަމަށެވެ.
އަދިވެސް ބައެއް ބަދަލުތައް ގެނެސް ނުނިމޭ. ރައީސްގެ މާގަމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތް ހެދުމާ މެދު މިހާރު ވަރަށް ހޫނުކޮށް ބަހުސް ކުރެވެމުން ދަނީ. އެހެންވީމަ ކުރިއަށް އޮތް ތަނުގައި އެ ބަދަލު އައުމަކީ ވެސް އެކަށީގެންވާ ކަމެއް.އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ރައީސް އަލީ ނަޒީރު
އަލީ ނަޒީރު ވިދާޅުވީ ޕާޓީގެ ގަވާއިދަށް ގެނައީ ހަމައެކަނި މާގަމަށް ކުރިމަތިލުމުގެ ބަދަލުތަކެއް ނޫން ކަމަށެވެ. މިހާރު ގެނައި އިސްލާހުގައި ޕާޓީގެ ނާއިބުރައީސްގެ މަގާމަށް ތިން ބޭފުޅަކު ހޮވާނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ރައީސް ގެ މަގާމަށް ކުރިމަތިލާ އިރު ރަނިން މޭޓެއް ގޮތަށް އަންނަ ކެޑިޑޭޓެއް ކަމަށާއި އެ މަގާމު ހޮވާނީ އާންމުންގެ ވޯޓުން ކަމަށް ވިދާޅުވި އެވެ. އަދި ބާކީ ދެ މަގާމަށް މީހުން އައްޔަން ކުރާނީ ކޮންގްރެސް ވޯޓުން ކަމަށް އަލީ ނަޒީރު ވިދާޅުވެފައި ވެއެވެ.