އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގައި އެންޑޮސްކޮޕީގެ ހިދުމަތް ދޭން ފަށައިފިއެވެ.
އިކުއަޓޯރިއަލް ހޮސްޕިޓަލުން މިކަން ހާމަކޮށް، ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ, އެ ހޮސްޕިޓަލްގައި އެންޑޮސްކޯޕީގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށާއި, މިއީ މާލެ ފިޔަވާ ރާއްޖޭގެ ރަށަކުން މި ހިދުމަތް ދޭން ފެށި ފުރަތަމަ ފަހަރު ކަމަށެވެ.
އެންޑޮސްކޮޕީގެ ހިދުމަތަކީ އެތެރެހަށީގެ ވަކިކަހަލަ ތަހުލީލުތަކެއް ކުރުމަށްޓަކައި ހަށިގަނޑުގެ ހުޅުވިފައިވާ ތަނެއްގެ ތެރެއިން ހަށިގަނޑުގެ ތެރެއަށް، އެކަމަށް ހާއްސަ އާލާތެއް ލައްވައިގެން ކުރެވޭ ކަމެކެވެ. މި ހިދުމަތް ދޭން ފެށުމާއެކު އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހުންނާއި, ކްލިނިކަލް އެސިސްޓެންޓުންނަށް ތަމްރީން ދޭން ވަނީ ފަށާފައެވެ. އެ ތަމްރީނުތައް ދެމުން ގެންދަނީ އައިޖީއެމްއެޗްގެ ފަރާތުންނެވެ.
އައްޑޫ ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ހަދާފައިވާ ހޮސްޕިޓަލަކަށް ވާއިރު، އެ ހޮސްޕިޓަލުން ދެމުންދާ ހިދުމަތްތަކުގެ ތެރޭގައި އެކްސްރޭ، އޯޕީޑީ، ލެބޯރަޓްރީ އަދި ފިޒިއޮތެރަޕީގެ ހިދުމަތް ހިމެނެއެވެ.
އޭގެއިތުރުން ކާޑިއޯ، ޑެންޓަލް، ޔޫރޮލޮޖީ، ރެސްޕިރެޓަރީ، ރީޕްރޮޑަކްޓިވް ހެލްތު އަދި އެކި ކަހަލަ ތެރަޕީތައް ދިނުމާއި، އަދި ބޮޑެތި ބަލިތަކަށް ތަހްލީލްކުރުމާއި ބޮޑެތި އޮޕަރޭޝަންތައް ވެސް އެ ހޮސްޕިޓަލުގައި އަންނަނީ ކުރަމުންނެވެ. އަދި އަންނަ މިއަހަރު އިތުރު ހިދުމަތްތައް ތައާރަފްކުރުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 15 ގައި ރަސްމީކޮށް ހިދުމަތް ދޭން ފެށި އޭއީއެޗްގައި އޮޕަރޭޝަން ކުރުމުގެ ކަންކަން ކުރިއަށްގެންދަން ފަސް ތިއޭޓަރު ހުރެއެވެ.