ކޮޗިން ކާގޯ ފެެރީގެެ މި އަހަރުގެ ފުރަތަމަ ދަތުރުގައި 700 ޓަނުގެ މުދާ ހދ ކުޅުދުއްފުއްޓަށް ގެނެސްފައިވާ ކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ބުނެފިއެވެ.
މިކަން ހާމަކޮށް އެސްޓީއޯގެ މެނޭޖިންގ ޑައިރެކްޓަރ ހުސައިން އަމްރު ކުރެއްވި ޓްވީޓުގައި ބުނެފައި ވަނީ މިފަހަރު ބޯޓު ސީދާ ކުޅުދުއްފުއްޓަށް އައިސްފައި ވަނީ ގިނަ އަދަދެއްގެ މުދަލާއި އެކުު ކަމަށާއި، ކޮންމެ ދަތުރެއްގައި ގެންނަ މުދާ އިތުރުވަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން އެސްޓީއޯގެެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ސްޓޭޓް ޝިޕިންގ (އެމްއެސްއެސް) އިން ކޮށްފައިވާ ޓްވީޓުގައި ވަނީ 700 ޓަނުގެ މުދަލާއި އެކު އާދިއްތަ ދުވަހު ކުޅުދުއްފުއްޓަށް ބޯޓު ބަނދަރުކޮށްފައިވާ ކަމަށާއި، މިފަހަރު ގެނައި މުދަލުގެ ތެރޭޭގައި ގިނައީ އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނު ކަމަށެވެ.
އިންޑިއާ އާއި ކުޅުދުއްފުއްޓާއި ދެމެދު ދަތުރުކުރާ ކާގޯ ފެރީ މަހެއްގެ ތެރޭގައި 2 ދަތުރު ކުރާ ގޮތަށް ހަމަޖެހިފައިވާއިރު، މި ފެރީގެ ހިދުމަތް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ އެއް އަހަރުގެ ތެރޭގައި ތިން މިލިއަން ޑޮލަރު ހަރަދު ކުރަން ނިންމައިފައެވެ.
އިންޑިއާ އާއި ރާއްޖެއާއި ދެމެދު ފަށާފައިވާ ކާގޯ ފެރީގެ ސަބަބުން، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް ބޮޑު ފައިދާއެއް ލިބިގެންދާއިރު، މިދަތުރުގެ ސަބަބުން ކުޑަ ވަގުތުކޮޅެއްގައި އިންޑިއާގެ އެއް ބިލިއަން މީހުންގެ އާބާދީއަށް މުދާ އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މީގެ އިތުރުން ކާގޯ ފެރީގައި ފިނިކުރި ބާވާތްތައް އުފުލުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާއިރު، މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރިންނަށް ތާޒާކަމާއެކު މަސް އެކްސްޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ހަމަ އެއާއެކު، މި ހިދުމަތުގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމުގެ އެންމެ ބޮޑެތި މާކެޓުތަށް ކަމަށްވާ ޔޫރަޕާއި ޖަޕާނަށް އިންޑިއާގެ ކޮޗިން މެދުވެރިކޮށް މަސް އެކްސްޕޯޓް ކުރުމުގެ މަގުސަދު ފަހިވެގެން ދާނެއެވެ.
ކާގޯ ފެރީގެ ހިދުމަތުގެ ސަބަބުން ރާއްޖޭގެ އެކްސްޕޯޓަރުންނަށް އިންޑިއާގެ އިމްޕޯޓަރުންނާއި އެކު މަޝްވަރާކޮށް މުދާ ވިއްކުމަށް ފަސޭހަ ވެގެންދާއިރު، މި ހިދުމަތުގެ އެންމެ މުހިންމު އެއް ބޭނުމަކީ ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓާއި ދެމެދު އޮންނަ ފަރަގު ކުޑަކުރުން ކަމަށް އިންޑިއާއިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
އިންޑިއާ އާއި ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ފަށާފައިވާއިރު، އައްޑު އަތޮޅާއި ހުވަދު އަތޮޅަށްވެސް ވަނީ އިންޑިއާގެ ޓުޓިކޮރިން އިން ސީދާ ދަތުރުތައް ފަށާފައެވެ.