ކ. މާލެ
|
4 ޖެނުއަރީ 2021 | ހޯމަ 04:56
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު
ރާއްޖެއެމްވީ
ފެނަކަ ކޯޕަރޭޝަންގެ މަސައްކަތްތައް
މިއަހަރުގެ ތެރޭގައި ބިއްލޫރި ފެންފުޅި ބާޒާރަށް ނެރޭނަން: އެމްޑީ ސައީދު
ފެނުގެ ހިދުމަތް ފެނަކައިން ފޯރުކޮށްދޭ ހުރިހާ ރަށަކަށް ބިއްލޫރި ފެންފުޅި ޕްރޮޖެކްޓް ހިންގާނަން
ކުރިއަަށް އޮތް ތަނުގައި ރާއްޖޭގެ 6 އަތޮޅެއްގައި މި މަޝްރޫއު ފެށިގެންދާނެ
ދުވާލަކަށް 8،000 ފެންފުޅި، ބިއްލޫރި ފުޅީގައި ބަންދުކުރެވޭނެ

މި އަހަރު ކުރެވޭ އެންމެ މުހިންމު މަސައްކަތަކަށް ވާނީ ބިއްލޫރި ފެންފުޅި އުފައްދާ ޕްލާންޓެއް ގާއިމުކޮށް، ރާއްޖޭގެ ބާޒާރަށް ބިއްލޫރި ފެންފުޅި ތައާރަފުކުރުން ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ އެއް ސިޔާސަތު ކަމަށްވާ ޒީރޯ ޕްލާސްޓިކް ނުވަތަ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް އެތެރެކުރާ މިންވަރު މަދު ކުރުމަށް ސަރުކާރުން ގެންގުޅޭ "ޒީރޯ ޕްލާސްޓިކް" ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ފެނަކައިން އަދާކުރާ ދައުރާ ގުޅޭ ގޮތުން ރާއްޖެޓީވީގެ ފަލަސުރިހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، މިއަހަރުގެ ތެރޭގައި އެންމެ މުހިންމު ކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތަކީ އެ ކުންފުނިން ފެނުގެ ހިދުމަތްދޭ ރަށްތަކުގައި ބިއްލޫރި ފެންފުޅި އުފައްދާ ޕްލާންޓުތަކެއް ގާއިމުކުރުން ކަމަށާއި، އެގޮތުން ފުރަތަމަ ޕްލާންޓް ގާއިމުކުރުމަށް ވާންޖެހޭ ތައްޔާރީތައް ހއ ހޯރަފުށީ ކައުންސިލާ ގުޅިގެން ވަރަށް ބާރު ދުވެއްޔެއްގައި ކުރިއަށްދާ ކަމަށެވެ.

ސައީދު ވިދާޅުވީ، ހޯރަފުށީގައި ފަށާ ބިއްލޫރި ފުޅީގައި ފެން ބަންދުކުރާ މަޝްރޫއުގެ ދަށުން އެ ސަރަހައްދުގެ ގިނަ ރައްތަކަކަށް މި އަހަރުގެ މެދު ތެރޭގައި ހިދުމަތް ދެވޭނެ ކަމަށާއި އަދި މި މަސައްކަތުގެ ބޮޑު ކުޑަ މިނަށް ބަލައި ކުރިއަަށް އޮތް ތަނުގައި ރާއްޖޭގެ 6 އަތޮޅެއްގައި މި މަޝްރޫއު ފެށިގެންދާނެ ކަމަށެވެ.

ސައީދު ވިދާޅުވީ، ފެނަކައިން ފެނުގެ ހިދުމަތްދޭ ހުރިހާ ރަށަކަށްވެސް ކުރިއަށް އޮތް ތަނުގައި ބިއްލޫރި ފުޅީގައި ފެން ލިބޭނެ ގޮތް ހަމަޖެއްސުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.

މިވަގުތު އަޅުގަނޑުމެން ހިސާބު ޖަހާފައިވާނީ ދުވާލަކަށް 8،000 ފުޅި ބިއްލޫރީގައި ފެން ބަންދުކުރަން. މިހާރު އަމަލީ މަސައްކަތް ފެށިގެން ކުރިއަށް އެބަދޭ. ކޮވިޑުގެ ހާލަތާއި ގުޅިގެން ކޮންމެވެސް ވަރެއްގެ ލަސްތަކެއް ދިމާވި. ނަމަވެސް މިހާރު ވަރަށް ބާރަށް އެ މަސައްކަތް ކުރިއަށްދޭ. އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދު ތެރޭގައި އަޅުގަނޑުމެން މިބަލނީ އެ ޕްލާންޓުގެ ހިދުމަތްދެވޭނެ ކަމަށް.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު

އައު އަހަރު ފެނަކައިގެ މައިގަނޑު 3 މަޝްރޫއެއްގެ މަސައްކަތް ފެށުމަށް ނިންމަވާފައިވާކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ، އިޔާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ މިންވަރު އިތުރުކޮށް، ތެލަށް ބަރޯސާވުން ކުޑަކުރުމަށް ފެބްރުއަރީ މަސް ތެރޭގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް ސައްތައިން ސައްތަ ސޯލާ ކަރަންޓު ފޯރުކޮށްދޭ ރަށެއް ހަމަޖެހިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ، މިއަހަރުގެ ތެރޭގައި ފެނަކައަށް ފާހަގަކުރެވިފައިވާ ބައެއް ސަރަހައްދުތަކުގެ ކޭބަލް ނެޓްވޯކް ކްލަސްޓާތަކެއްގެ އިންޓަރ ކަނެކްޝަން ގާއިމުކުރުމުގެ މަސައްކަތްތައް ފެށިގެންދާނެ ކަމާށައި އެކަން ކުރިއަށްދާނީވެސް އިޔާދަކުރަނިވި ހަކަތައަށްވެސް އިސްކަން ދީގެން ކަމަށެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި ސައީދު ފާހަގަކުރެއްވީ ބޮޓްލިން ޕްލާންޓުގެ މަސައްކަތް ނިންމައި ރައްޔިތުންނަށް ވީއެންމެ އަވަހަށް ހިދުމަތް ދިނުމެވެ. އެގޮތުން އެކަމަށް ބޭނުންވާ މެޝިނަރީޒް އާއި އިންސާނީ ވަސީލަތް ތަރައްގީކުރުމަކީވެސް މިއަހަރުގެ ތެރޭގައި މުހިންމު އިސްކަމެއް ދެއްވާނެ ކަންކަން ކަމުގައި ސައީދު ވިދާޅުވިއެވެ.

ފެނަކައިން އަންނަނީ ރާއްޖޭގެ ރަށްތަކުގެ އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށްވެސް ފާއިތުވި 2020 ވަނަ އަހަރު ގިނަ މަޝްރޫއުތަކެއް ފަށައި ބައެއް ތަންތަނުން ހިދުމަތް ދެމުންނެވެ. މީގެ އިތުރުން އެ ކުންފުނިން އަންނަނީ ރާއްޖެއަށް ކަރަންޓު ފޯރުކޮށްދޭ ރަށްރަށުގައި ތެލަށް ބަރޯސާވުން ކުޑަކޮށް، އިޔާދަކުރަނިވި ހަކަތައަށް އިންޖީނުގެތައް ބަދަލު ކުރުމަށްވެސް ބިޔަ މަޝްރޫއެއް ހިންގަމުންނެވެ.

- ކޮމެންޓް
5 ޖެނުއަރީ 2021 | އަންގާރަ 00:49
ކކކކކކ
ނަޝީދު އަށް ފުޅިތޮށި ކާން ދޭންތަ ތި އުޅެނީ؟ ކެކެކެ