ރާއްޖެޓީވީން ބްރޯޑްކާސްޓްކުރި މުޒާހަރާގެ ލައިވް ކަވަރޭޖް ޕްރޮގްރާމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ އަބުރު ގެއްލޭ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އަލުން މުރާޖާކުރުމަށްފަހު ސާބިތުނުވާ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ނިންމައިފިއެވެ.
މި މައްސަލައަކީ 2018 މާރިޗު 16 ވަނަ ދުވަހުގެރޭ 23:24ން 23:35ށް ބްރޯޑްކާސްޓްކުރި މުޒާހަރާގެ ލައިވް ކަވަރޭޖް ޕްރޮގްރާމުގައި ގައުމުގެ އަމަންއަމާންކަން ނަގާލައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ އަބުރު ގެއްލޭ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބެލެވޭތީ ކޮމިޝަނުން ބަލައި 2018 އޮގަސްޓް 8 ގައި ނިންމާފައިވާ މައްސަލަ މުރާޖާކޮށްދިނުމަށް 2020 ޖޫން 30 ގައި ހުށަހަޅާފައިވާ މައްސަލައެކެވެ.
މި މައްސަލައާ ގުޅޭ ގޮތުން ބްރޯޑްކޮމްއިން ބުނީ މުޅި މައްސަލަ އަލުން މުރާޖާކުރުމަށް ކޮމިޝަނުން ނިންމައި، ވަކި ފަރާތަކަށް ބުރަނުވެ ކޮމިޝަނުން މުސްތަގިއްލު ތަހުގީގެއް ކުރި ކުރުމުގައި މި މައްސަލައަށް ޖަވާބުދާރީވެ ސިޓީ ފޮނުވާފައިވާ ކަމަށެވެ.
އެ ސިޓީގައި ފާހަގަކޮށްފައިވާ ކަންކަމަށާއި، އަދި (އަބުރު ރައްކާތެރިކޮށް ދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) އަށް ނަޒަރުކުރާއިރު، ކުއްލި ނުރައްކަލުގެ ހާލަތު ދިވެހިރާއްޖޭގައި އިއުލާން ކޮށްފައިވީ މުއްދަތުގެ ތެރޭގައި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ ދަށުން ޤާނޫނުއަސާސީގެ ހިފެހެއްޓިފައިވާ ނުވަތަ ހަނިކުރެވިފައިވާ ހައްގަކަށްވާތީ، އެ ހައްގުގެ ބޭނުންކުރުމަށް ރައްޔިތުންނަށް ގޮވާލާ ދައްކާފައިވާ ވާހަކަ ހިމެނޭ ކޮންޓެންޓަކީ، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 9 ވަނަ މާއްދާ (ގައުމީ ސަލާމަތަށް ނުރައްކާކުރުވާނެ ޚިޔާލުފާޅުކުރުން) ގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން "ގައުމުގެ ސިޔާދަތަށް ނުވަތަ އިސްތިގުލާލަށް ގެއްލުން ލިބޭނެފަދަ ޚިޔާލުފާޅުކުރުން" ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށް ބްރޯޑްކޮމްއިން ބުނެއެވެ.
މީގެ އިތުރުން ބްރޯޑްކޮމްއިން ބުނީ ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާ ގޮތުގެމަތިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ ދަނޑިވަޅެއްގައިވެސް، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓައިގެން ނުވާނެކަން (އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު) ގެ "އަސާސް" ކަމުގައި ބަޔާންކޮށް، އެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާތީ އާއި ރާއްޖެޓީވީން 2018 މާރިޗު 16 ވަނަ ދުވަހުގެރޭ 23:24ން 23:35ށް ބްރޯޑްކާސްޓްކުރި މުޒާހަރާގެ ލައިވް ކަވަރޭޖް ޕްރޮގްރާމުގެ ކޮންޓެންޓްގައި ކުރީގެ ރައީސް ޔާމީނުގެ އަބުރު ގެއްލޭ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ކޮމިޝަނުން މައްސަލަ ނިންމި ކަމަށެވެ.
ބްރޯޑްކޮމްއިން ބުނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އާންމުކޮށްފައިވާ ރިޕޯޓުތަކަށް ރިއާޔަތްކޮށް ބެލިބެލުމުން، އެ ކޮންޓެންޓުގައި ހިމެނޭ ވާހަކަ ތަކަކީ (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ އިމްތިޔާޒް ލިބިގެންވާ ވާހަކަތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި (އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ ހުރިހާ ދައުވާ އެއްގެ ފުރިހަމަ ދިފާއެއްކަން ސާބިތުކޮށްދޭ ފުރިހަމަ ހުއްޖަތެއްކަމަށް ގަބޫލުކުރެވެން އޮތަތީ، މި މައްސަލަ ރާއްޖެޓީވީގެ މައްޗަށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށް ބްރޯޑްކޮމްއިން ބުނެއެވެ.
މި މައްސަލަ ބާތިލްކޮށްފައިވަނީ ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ.