ރާއްޖޭއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ މިޔަރު އުރަހަ ތަކެއް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
އާދިއްތަ ދުވަހު މިތަކެތި އަތުލައިގަތީ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ކަސްޓަމްސް އާ ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެވެ.
ކަސްޓަމްސް އިން ބުނީ 21 ފޮށީގައި ބަންދުކޮށްފައިވާ މިޔަރު އުރަހަ ހުރީ ލޮނު މަސް ޝިޕްމެންޓެއްގެ ގޮތުގައި ކަމަށެވެ. އަދި މިޔަރު އުރަހަ ތަކުގެ ބަރުދަނުގައި 429 ކިލޯ ހުންނާނެ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.
ކަސްޓަމްސްއިން ދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި މިޔަރު ހިފުމަކީ މަނާ ކަމެކެވެ. ނަމަވެސް ބައެއް ފަރާތްތަކުން ގަވާއިދާއި ހިލާފަށް މިޔަރު ހިފައި އޭގެ އުރަހަ ވިޔަފާރީގެ ގޮތުގައި ބޭނުންކުރަމުންދާ މައްސަލަ ދޭތެރެ ދޭތެރެއިން ފެންމަތިވަމުންދެއެވެ.