ވަޒީފާގެ އަމަލީ މައިދާނަށް ޒުވާނުން ތަމްރީނުކުރަން އެމްޓީސީސީން "ހުނަވަރު" ނަމުގައި ހާއްސަ ތަމްރީނު ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.
އެމްޓީސީސީން އާދިއްތަ ދުވަހު އިފްތިތާހުކުރި އެ ޕްރޮގްރާމަކި ހެވީ ވެހިކަލް ދުއްވުމުގެ ދާއިރާއަށް ޒުވާނުން ތަމްރީނުކުރާ ޕްރޮގްރާމެކެވެ. އެމްޓީސީސީން ބުނީ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު 18 އަހަރު ފުރިފައި ހުރި ކޮންމެ ދިވެއްސަކަށްވެސް އޮންނާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުންވެސް މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ބުންޏެވެ.
ހުނަވަރު ތަމްރީނު ޕްރޮގްރާމް ފުވައްމުލަކާއި އައްޑޫ ސިޓީގައި ކުރިއަށް ގެންދަން ހަމަޖައްސާފައިވާ ކަމަށާއި، އޭގެ ފަހަށް ކުޅުދުއްފުއްޓާއި މާލޭގައިވެސް ކުރިއަށްގެންދާނެ ކަމަށް މައުލޫމާތުދެއެވެ. އަދި އެހެން އަތޮޅުތަކުން ޕްރޮގްރާމުގައި ބައިވެރިވާން އެދޭ މީހުންވެސް އެމްޓީސީސީއަށް ޝައުގުވެރިިކަން ފާޅުކޮށް މެއިލް ކުރުމުން އެކަން ކުރިއަށްދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މި ޕްރޮގްރާމާ ގުޅިގެން އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އާދަމް އާޒިމް ވިދާޅުވީ ހެވީ ވެހިކަލް ދުއްވުމުގެ ދާއިރާގައި މިހާރުވެސް އެމްޓީސީސީގައި ގިނަ ބިދޭސީންތަކެއް އެބަތިބި ކަމަށެވެ. އެމްޓީސީސީގެ އަމާޒަކީ އެ މަސައްކަތަށްވެސް ވީހާވެސް ގިނަ ދިވެހިން ނެރުން ކަމަށް އޭނާ ވިދާޅުވި އެވެ.
މި މަސައްކަތްތަކަކީ ފުދޭ ވަރަކަށް ރަނގަޅު އާމްދަނީއެއްވެސް ލިބޭ މަސައްކަތެއް. އެކަމަކު ގިނަ ރައްޔިތުންނަށް އެނގިފައެއް ނޯވޭ މި މަސައްކަތުގެ ތެރެއިން އެވަރުގެ އާމްދަނީއެއް ލިބޭނެ ކަމެއް. މިއީ ވަރަށް ފަސޭހައިން ދަސްކުރެވޭ ރަނގަޅު އާމްދަނީއެއް ލިބޭ މަސައްކަތެއް ކަން އެނގިފައެއް ނޯވޭ.އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް
އެމްޓީސީސީން ބުނިގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ މީހަކަށްވެސް މަހު އުޖޫރައެއްގެ ގޮތުގައި 5،000ރ ދޭނެ ކަމަށެވެ. މީގެ އިތުރަށް އެ މީހަކު ހުރި ރަށް ނޫން އެހެން ރަށަކަށް ތަމްރީނަށް ގެންދާނަމަ، އެކޮމިޑޭޝަނާއި ކެއިން ބުއިންވެސް ހަމަޖައްސައިދޭނެ ކަމަށް ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ އެ ޕްރޮގްރާމުން ފާސްވާ މީހުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ނެރޭ 50 މީހުންނަށް އެމްޓީސީސީން ވަޒީފާގެ ފުރުސަތު ލިބޭނެ ކަމަށެވެ.