ސިވިލް ސަރވިސް ކޮމިޝަންގެ އޮންލައިން ޕޯޓަލް 'ސީއެސްވިއުގަ' އިފްތިތާހުކޮށްފިއެވެ.
ސީއެސްވިއުގަ، އޮންލައިންކޮށް، އިންޓަރނެޓުގެ ޒަރިއްޔާއިން ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށާއި ސިވިލް ސަރވިސްގެ އެންމެހާ އިދާރާތަކަށް ބޭނުންކުރެވޭ ގޮތަށް، ތައާރަފްކުރި މި ޕޯޓަލް އިފްތިތާހު ކޮށްދެއްވާފައިވަނީ އެކަމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަންގައި އާދިއްތަ ދުވަހު ބޭއްވި ރަސްމިޔާތެއްގައި ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންނެވެ.
އެ ކޮމިޝަނުން ބުނީ ސީއެސް ވިއުގައަކީ 2011 ވަނަ ސިވިލް ސަރވިސް މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެންމެހައި ކަންކަން ކުރިޔަށް ގެންދިޔުމަށް ބޭނުންކުރެވެމުންދާ ސޮފްޓްވެއަރއެއް ކަމަށެވެ.
އަދި މިހާތަނަށް ސީއެސް ވިއުގަ ބޭނުން ކުރަމުން އައިސްފައިވަނީ ދައުލަތުގެ ނެޓްވާރކްގެ ތެރެއިން، ހަމައެކަނި އެ ނެޓްވާރކްގެ ޚިދުމަތްލިބޭ ސިވިލް ސަރވިސް އިދާރާތަކުގައި ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ.
އެ ކޮމިޝަނުން އިތުރަށް ބުނީ އާންމުކޮށް ބޭނުންކުރެވޭ ގޮތަށް ސީއެސްވިއުގަ އޮންލައިން ޕޯޓަލް ތައާރަފު ކުރެވުމުން، އާދިއްތަ ދުވަހުން ފެށިގެން އިންޓަރނެޓްގެ ޚިދުމަތް ލިބޭ ކޮންމެ ތަނެއްގައި ހުރި ދިވެހި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކަށްވެސް ސީއެސްވިއުގަ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެ މުވައްޒަފެއްގެ މަޢުލޫމާތު ބެލޭނެކަމަށެވެ.
އަދި އިންޓަރނެޓްގެ ޒަރިއްޔާއިން ސިވިލް ސަރވިސްގެ ހުރިހާ އިދާރާތަކަށް ސީއެސްވިއުގަ އޮންލައިން ބޭނުން ކުރެވޭނެ ކަމަށާއި ސީއެސްވިއުގަ އޮންލައިންކޮށް ޢާއްމުކޮށް ބޭނުންކުރުމަށް ހުޅުވައިލުމާއެކު، އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު އޮންލައިން ވެގެންދިއުން ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެއެވެ.
މުވައްޒަފުންގެ މަސައްކަތްތައް ކުރަމުންދާ ގޮތާއި، މަސައްކަތުގެ ފެންވަރު ދުވަހުން ދުވަހަށް، ވަގުތުން ވަގުތަށް ސީއެސްވިއުގަ އޮންލައިން މެދުވެރިކޮށް ވަޒަންކުރެވޭނެއެވެ.