ކުރީގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާ ކުރުމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ޝުކުރު އަދާކުރައްވައި ދެއްކެވި ވާހަކަފުޅަށް އެމްޑީޕީ މެމްބަރުންގެ ނުރުހުން އަމާޒުވެއްޖެ އެވެ.
ފައިރޫޝް ރިޓަޔާ ކުރައްވާ ލިޔުން ހަވާލުކުރެއްވި ފޮޓޯ އާއެކު ސީޕީ ހަމީދު ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓުގައި ވިދާޅުވީ 20 އަހަރު ވަންދެން ފައިރޫޝް ފުލުހުންގެ އިދާރާގައި ކޮށްދެއްވާފައި ވަނީ އަގު ނުކުރެވޭ ހިދުމަތްތަކެއް ކަމަށެވެ.
ފައިރޫޝްއަކީ އެމްޑީޕީ ވެރިކަން ބަދަލުވި 7 ފެބްރުއަރީ 2012 ވަނަ ދުވަހު ވަގުތީ ގޮތުން ފުލުހުންނާ ހަވާލުވި ބޭފުޅާއެވެ. އެދުވަހު ހިނގައި ދިޔަ ހަމަނުޖެހުންތަކާއި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގައި ފައިރޫޝްގެ ސީދާ އަތެއް ވާ ކަމަށް ތުހުމަތު ކުރެއެވެ. ސީޕީ ހަމީދު ވެސް އޭރު ވަނީ އެ ތުހުމަތުތަކަށް ބާރުދެއްވާ ވާހަކަދައްކަވާފައެވެ.
އޭނާ ކުރެއްވި ޓުވީޓާ، ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން ނުރުހުން ފާޅުކޮށްފައިވާއިރު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކުރެއްވި ޓުވީޓުގައި ވަނީ ސީޕީ ހަމީދު އޭރު ދެއްކެވި ވާހަކައެއްގެ އޯޑިއޯ ހިއްސާ ކުރައްވާފަ އެވެ.
ހަތެއް ފެބްރުއަރީގައި ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި ހަމީދު އޭރު ވިދާޅުވީ އެ ދުވަހު ފައިރޫޝް އެތަނަށް ވަޑައިގެން "ރައީސް ނަޝީދަށް 'އަލްޓިމޭޓެއް' ދެއްވަން ޓީމެއް ހައްދަވައި ސިފައިންގެއަށް ވަންނަނީ" ކަމަށް ވިދާޅުވެ، ދެން ހައްދަވަން ގަސްތުކުރައްވަނީ ކިހިނެތް ތޯ އޭރުގެ ސީޕީ އާ ސުވާލު ކުރެއްވި ކަމަށެވެ. އަދި އެވާހަކައިން ސިފަ ވަނީ ފައިރޫޝް އަމިއްލަ ފުޅަށް ގޮސް ޒިންމާތަކާ ހަވާލުވީ ކަމުގައި ވެސް ވިދާޅުވެފައިވެއެވެ.
އެ އޯޑިއޯއާ އެކު ކުރެއްވި ޓުވީޓުގައި އިމްތިޔާޒް ވަނީ ދެން އިތުބާރު ކުރައްވަންވީ ސީޕީ ހަމީދަށް ތޯ ނުވަތަ ފައިރޫޝްއަށް ތޯ ސުވާލު އުފައްދަވާފައެވެ.
މީގެ އިތުރަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބަދުﷲ ޝަފީގް ވެސް ވަނީ ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހު ފައިރޫޝް މަގުމަތީގައި އާންމުންނާ މުހާތަބުކުރައްވާ ވާހަކަފުޅު ދެއްކެވި ވީޑީއޯއެއް ޓުވީޓު ކުރައްވައި އެއީ "އަގު ނުކުރެވޭ މަސައްކަތް ކުރެއްވި ފައިރޫޝް" ކަމަށް ވިދާޅުވެފައެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ސީޕީ ޓެގް ކުރައްވައި ކުރެއްވި ޓުވީޓުގައި ވަނީ ސީޕީ ލަދުވެތިވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ ޓުވީޓުގައި ވިދާޅުވީ ސީޕީގެ ވާހަކަ މިހާރު ހުރިގޮތުން 7 ފެބްރުއަރީގައި ހިނގީ ބަގާވާތެއް ނޫން ކަމަށް ދޭހަވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެއީ ރައްޔިތުންނަށް ބަލައިގަނެވޭނެ ވާހަކައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
7 ފެބްރުއަރީގައި ހިންގީ ބަގާވާތެއް ކަމަށް އަބަދުވެސް ބުނަމުން އަންނަ އިރު އެ މައްސަލަ ބެލުމަށް އުފެއްދި ކޮމިޝަން އޮފް ނޭޝަނަލް އިންކުއަރީން އެކުލަވާލި "ކޯނީ ރިޕޯޓު"ގައި ވާގޮތުން ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އަމިއްލަ އިހްތިޔާރުގައެވެ.