އެމެރިކާގެ މަޝްހޫރު ޓީވީ ހޯސްޓު ލެރީ ކިންގް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ސީއެންއެންގެ ޓޯކް ޝޯވ "ލެރީ ކިންގް ލައިވް" 25 އަހަރު ހޯސްޓު ކުރުމަށް ފަހު އޭނާ ރިޓަޔާ ކުރީ 2010 ވަނަ އަހަރުއެވެ. އޭގެ ފަހުން 2012 ވަނަ އަހަރު އަނެއްކާ ވެސް "ލެރީ ކިންގް ނައު" ގެ ނަމުގައި ޓޯކް ޝޯވއެއް ފަށާފައިވެއެވެ.
ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ލެރީ ކިންގަށް ކޮވިޑް ޖެހި ލޮސް އެންޖަލަސްގެ ސެޑާސް ސިނާއި މެޑިކަލް ސެންޓަރުގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަތާ މިހާރު ވަނީ ހަފްތާއެއްހާ ދުވަސްވެފައެވެ.
އުމުރުން 87 އަހަރުގައި ލެރީ ކިންގަށް ކޮވިޑް ޖެހިފައިވާއިރު އޭނާ އަކީ މީގެ ކުރިން ވެސް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާފައިވާ ހައިރިސްކް ޕޭޝަންޓެކެވެ. އެގޮތުން ބައިޕާސް ސާޖަރިއެއް ހަދައި ފުއްޕާމޭގެ ކެންސަރަށް ވެސް އޭނާ ފަރުވާ ހޯދާފައިވެއެވެ. މީގެ އިތުރަށް 2019 ވަނަ އަހަރު ހިތުގެ ބައްޔާއި ގުޅިގެން ބޮޑު ސާޖަރީ އެއް ހަދާފައިވާއިރު އޭނާ އަކީ ހަކުރުބައްޔަށް ވެސް ފަރުވާ ހޯދަމުން އަންނަ މީހެކެވެ.
ހިތުގެ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ފަހު އެނާ ވަނީ "ލެރީ ކާޑިއެކް ފައުންޑޭޝަން" ނަމުގައި ހިތުގެ ބަލިތަކަށް ފަރުވާ ހޯދާ ހެލްތު އިންޝުއަރެންސް ނެތް މީހުންނަށް އެހީ ވުމަށް ފައުންޑޭޝަނެއް ހުޅުވާފަ އެވެ.