ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައާ ގުޅިގެން، މ. ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒު އަބްދުއްރައްޒާގު (ޝަފާ) 18 އަހަރަށް ޖަލަށް ލާފައިވަނިކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް އޭނާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި އާދިއްތަ ދުވަހަށް ތާވަލްކޮށްފިއެވެ.
މި އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފައިވަނީ، އާދިއްތަ ދުވަހުގެ 10:00 އަށެވެ.
އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް ޝަފާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައި ވަނީ، ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް މޫސާ އާޒިމް އާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާނިމްގެ މައްޗަށެވެ.
އެ މައްސަލާގައި އެންމެފަހުން އަޑުއެހުމެއް ބާއްވާފައިވަނީ، މިދިއަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އާޒިމާއި ހާނިމްގެ މައްޗަށް ކޮށްފައިވާ ދައުވާއަށް އެ ދެ މީހުންވެސް އިންކާރު ކުރުމާގުޅިގެން އެދުވަހުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އެ ދެމީހުންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ހެކި ހުށަހަޅާފަ އެވެ.
މި މައްސަލާގައި ޝަފާ ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި ތައްޔާރުކުރި ފޯމްގައި ސޮއި ކޮށްފައިވަނީ ހާނިމް އެވެ. އަދި ޝަފާ ބަލި ހާލަތު ބޮޑު ކަމަށްބުނެ، ޑޮކިއުމަންޓްތައް ހަމަ ނުވަނީސް ޑޮކްޓަރު ލައްވާ ސޮއި ކުރިކަމަށް ވަނީ އާޒިމްއެވެ.
މިމައްސަލަ ސާބިތު ކުރުމަށް ދައުލަތުން ވަނީ ހާނިމް އާއި އާޒިމް ވިދާޅުވެގެން، ރާއްޖެއިން ބޭރަށް ޝަފާ ފޮނުވުމަށް ލިޔުންތަކާއި އެކަން އިންތިޒާމުކުރި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބައެއް މުވައްޒަފުންނާއި މެޑިކަލް ބޯޑުގެ ބައެއް ފަރާތްތަކާއި ޑޮކްޓަރު ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ.
ދިފާއުގައި ހާނިމް ފަރާތުން ހެކި ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް އާޒިމްގެ ދިފާއީ ވަކީލު ވިދާޅުވެފައިވަނީ މިމައްސަލައާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ އިތުރަށް އޭރު ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އުމަރު ނަސީރު ހެެއްކެއްގެ ގޮތުގައި ހުށަހަޅާ ކަމަށެވެ. އާޒިމްގެ ދިފާއީ ހެއްކެއްގެ ގޮތުގައި އުމަރު ނަސީރު ހުށަހަޅާފައިވަނީ، ޝަފާ ރާއްޖެއިން ބޭރަށް ފޮނުވާލާފައިވަނިކޮށް، ޝަފާ ރާއްޖެ ގެނައުމަށް އާޒިމް މަސައްކަތް ކުރިކަން ސާބިތު ކުރުމަށާއި އަދި ޝަފާ ރާއްޖެއިން ބޭރަށް ފޮނުވާލުމުގައި އާޒިމްގެ ބައިވެރިވުމެއް ނޯންނާނެކަން ސާބިތު ކުރުމަށެވެ.
މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވަނީ، މިމައްސަލައަކީ، މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ނިންމާފައެވެ. އަދި ޝަރީއަތުގެ މަރުހަލާގެ ކުރިން ބޭނުންވާ ހުށަހެޅުންތަކަށް 10 ދުވަހުގެ ފުރުސަތެއް ހާނިމްއަށާއި އާޒިމްއަށް ދެއްވާ ކަމަށް އެންމެފަހުން ބޭއްވި އަޑުއެހުމުގައި ގާޒީ ވަނީ ވިދާޅުވެފައެވެ.
އާދިއްތަ ދުވަހުގެ އަޑުއެހުމަކީ ވެސް ޝަރީއަތުގެ އަޑުއެހުންތަކުގެ ކުރިން ބޭއްވޭ އިބްތިދާއީ އަޑުއެހުމެކެވެ.
ބޭސްފަރުވާ ކުރުމަށް ކަމަށް ބުނެ ޝަފާ ރާއްޖެއިން ބޭރަށް ފޮނުވީ 2014 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހުއެވެ. އޭނާ އަނބުރާ ރާއްޖެ ގެނެސްފައި ވަނީ 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ސްރީ ލަންކާގައި އޭނާ ހުއްޓާ ހައްޔަރުކޮށްގެން ރާއްޖެ ގެނައީ އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަމުރަށް ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަށް ގޮސް ލަންކާގެ ފުލުހުންނާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނަކަށް ފަހުގައެވެ.
ޝަފާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު އާޒިމް އާއި ހާނިމުގެ އިތުރުން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވީ 2014 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ.
ޝަފާ ބޭރަށް ފޮނުވި މައްސަލައިގައި މި ދެ ބޭފުޅުންގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނިކޮށް، 2015 ވަނަ އަހަރުގެ ތެރޭގައި ހައިކޯޓުން ވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކޮށްފައެވެ.