އެއްވެސް ރަށަކަށް ނުވަތަ ކޭސް ނުޅޭ ތަނަކަށް ދަތުރު ކުރާނަމަ އެއީ މުދައްރިސެއް، ޑޮކްޓަރެއް ނުވަތަ އެހެނިހެން މަސައްކަތެއް ކުރާ މީހަކު ނަމަވެސް ކަރަންޓީނުވާން ޖެހޭނެކަމަށް ހެލްތް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އަބްދުﷲ މައުރޫފް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ 'ފަލަސުރުހީ' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ ކޮވިޑާއި ގުޅިގެން ދީފައިވާ ލުއިތަކާއިއެކު ބައެއް ފަރާތްތަކަށް އޮޅުންތަކެއް އަރާފައިވާކަމަށެވެ.
އެގޮތުން ކަރަންޓީނު ވާން ނުޖެހެނީ ބޭރުގައުމުތަކުން މާލޭ ސަރަހައްދަށް އަންނަ ދިވެހި ރައްޔިތުން ކަމަށް ވިދާޅުވެ މައުރޫފް ވިދާޅުވީ ކޮމިއުނިޓީ ހިދުމަތެއް ދިނުމަށް ގެންނަ ފަރާތްތައް ކަރަންޓީނު ކުރެވޭނެ ކަމަށެވެ.
މާލޭ ސަރައްހަދުގައި ރާއްޖޭން ބޭރުން އަންނަ ފަރާތްތަށް ކަރަންޓީނު ވާން ނުޖެހޭ ގޮތަށް އިންނަނީ އާއްމުންނަށް. އެހެނަސް ކޮމިއުނިޓީ ހިދުމަތް ދިނުމައްޓަކައި މާލެއަށްވެސް ގެނެވޭ ފަރާތްތަށް ކަރަންޓީނު ކުރާގޮތަށް އިންނަނީ.ހެލްތް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އަބްދުﷲ މައުރޫފް
މައުރޫފް ވިދާޅުވީ މާލެ ސަރަހައްދަށް ޓީޗަރުން، ޑޮކްޓަރުން ނުވަތަ އާއްމު ހިދުމަތެއް ދިނުމަށްޓަކައި ނުވަތަ ޔުނިވަރސިޓީތަކަށް ކިޔަވަންދާ ކުދިންނަކީ ގިނަ ބަޔަކާއި ބައްދަލު ވާނެ ބައެއް ކަމަށެވެ.
މީގެ ސަބަބުން ގިނަ ބަޔަކާއި ބައްދަލުވެ ބަލި ފެތުރުމަށް މަގުފަހިވެގެން ދިއުމާއެކު އެ ފަރާތްތަކުން ކަރަންޓީނު ވާންޖެހޭނެ ގޮތަށް އުސޫލުތައް ބައްޓަން ކޮށްފައިވާކަމަށް މައުރޫފް އިތުރަށް ވިދާޅުވިއެވެ.
އަދި މިހާރުވެސް 2،000ށް ވުރެ ގިނަ ބިދޭސީން ރާއްޖެ އައުމަށް އެދިފައިވާކަމަށް މައުރޫފް ވިދާޅުވިއެވެ. ވުމާއެކު މިހާރު އެކަމާ ގުޅުންހުރި ޑޮކިއުމަންޓްތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރައްވާކަން މައުރޫފު ހާމަ ކުރެއްވިއެވެ.
މައުރޫފް ވިދާޅުވީ އެޑިއުކޭޝަނާއި ކައުންސިލަތަކާއި ގުޅިގެން މިކަންކަން ހަރުދަނާ ގޮތެއްގައި އިންތިޒާމްކޮށް ބެލެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އެޑިއުކޭޝަނުން ވެސް މިކަންކަމަށް ނުހަނު ބޮޑަށް ތައްޔާރުވެގެން ތިބި ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ.
ހަމަ މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހެޗްއީއޯސީ ގެ ހެޑް އޮފް ކޯލް ސެންޓަރ އަބްދުﷲ އަޒުމީން ވިދާޅުވީ އަތޮޅުތެރެއަށް ކަރަންޓީނަށް ދާ ފަރާތްތަކުން ސިއްހީ އެކިއެކި ކަންކަމުގައި ކޮންމެ ރަށެއްގައިވެސް އެޗްޕީއޭއިން ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓު ނުވަތަ ސިއްހީ މަރުކަޒުގައި ތިއްބަވާ ފަަރާތްތަކަށް ގުޅައިގެން ކުރިއަށް ގެންދިއުމަށް ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަދި ކޭސްތައް އަނެއްކާވެސް އިތުރުވުމާއި ގުޅިގެން އެޗްއީއޯސީން މިހާރު އަންނަނީ ފިޔަވަޅުތަށް ހަރުދަނާ ކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއި ގައިޑްލައިންތަކަށް މީހުން އަހުލުވެރި ކުރުމުގެ މަސައްކަތް ކުރަމުންކަމަށް އަޒުމީން ވިދާޅުވިއެވެ.