ކޮވިޑް-19ގެ އައު ވޭރިއެންޓް ދުނިޔޭގެ އެކި ހިސާބުތަކުން ފެންނަމުންދާއިރު، މިވޭރިއެންޓް ރާއްޖެއަށް އައުމުގެ ފުރުސަތު ބޮޑު ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) ބުނެފިއެވެ.
ފަލަސުރުހީ ޕްރޮގްރާމްގައި ''ކޮވިޑްގެ އައު ވޭރިއެންޓާއި ރާއްޖޭގެ ހާލަތާއި ގުޅޭގޮތުން'' ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެންޓަރ އަބްދުﷲ މައުރޫފް ވިދާޅުވީ އިނގިރޭސިވިލާތުގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުން މިފެންނަ އައު ވޭރިންޓާ ބެހޭ ގޮތުން ދިރާސާތައް ކުރެވެމުންދާ ކަމަށެވެ. ކަމާ ބެހޭ ފަންނީ ބޭފުޅުންގެ އިރުޝާދުގެ ދަށުން ކުރިއަށް އޮތްތާގައި ރާއްޖޭގައި ބަލި އިތުރަށް ކޮންޓްރޯލް ކުރުމަށް ކުރެވޭނެ މަސައްކަތްތަކާއި އަޅަން ޖެހޭ ފިޔަވަޅުތައް ބަލަމުންދާ ކަމަށް މައުރޫފް ވިދާޅުވިއެވެ.
އައު ވޭރިއެންޓް ފެނިގެންދިޔައީ ރާއްޖޭގައި ކޭސްތައް އެންމެ މަދުވި ދުވަސްވަރުކަން ފާހަގަކުރައްވައި މައުރޫފް ވިދާޅުވީ މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން ރާއްޖެއިން ބޭރުން އަންނަ ފަރާތްތައް ކަރަންޓީން ނުވާ ގޮތަށް ހަމަޖެއްސި ކަމަށެވެ. ނަމަވެސް ދެވުނު ލުއިތައް އިތުރަށް ދިރާސާ ކުރުމަށްފަހު މިހާރު އިނގިރޭސިވިލާތުން އަންނަ ފަރާތްތަކުން ކަރަންޓީންވާން ޖެހޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވާކަން މައުރޫފް ފާހަގަކުރެއްވިއެވެ.
އެހެން ނަމަވެސް ޔޫކޭ ވޭރިއެންޓާ ގުޅިގެން އިތުރަށް އެކަން ރިވައިސް ކުރުމަށް މިވަގުތަށް އަޅުގަނޑުމެން ކަނޑައަޅާފައި އެބަހުރި ބައެއް ޚާއްސަ މެޝަރ ތަކެއް ޚާއްސަކޮށް ޔޫކޭއިން ދަތުރުކުރާ ފަރާތްތައް ރާއްޖެ އައުމަށްފަހުގައި ކަރަންޓީންވާ ގޮތަށް. މާލެ އައިކަމުގައި ވިޔަސް. ޚާއްސަ ގޮތެއްގައި އަޅުގަނޑު ފާހަގަކޮށްލަން ޔޫކޭއަކީ ވަރަށް ގިނަ ދިވެހިން ޓްރާންސިޓްވާ މަންޒިލެއް ގޮތުގައި މިއިންނަނީ. ފްލައިޓްތައް ދަތުރުކުރާއިރުގަ ޓްރާންސިޓް އެބަ ވޭ. އަޅުގަނޑުމެން އެކަމަށްވެސް ތަރައްޔާރުވެ މި 12 ގަޑިއިރަށްވުރެ ގިނަ ވަގުތު ޔޫކޭގައި ޓްރާންސިޓް ވެގެން އަންނަ ފަރާތެއް ނަމަ އެފަރާތެއް ކަރަންޓީން ވާ ގޮތަށް މިއިންނަނީ.ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެންޓަރ އަބްދުﷲ މައުރޫފް
މައުރޫފް ވިދާޅުވީ އައު ވޭރިއެންޓްއާ ގުޅިގެން އިތުރު ނުރައްކަލެއް ނެތް ކަމަށާއި ބަލީގެ ހާލަތު ގޯސްނުވާ ކަމަށެވެ. ވައިރަސް އަކީ އޭގެ ޒާތުގައި ވެސް އުފެދިފައިވާ ގޮތަށް ބަދަލު އަންނަ އެއްޗަކަށްވާއިރު، ކޮވިޑްގެ ވައިރަސްއަށް ވެސް އެފަދަ ބަދަލެއް އައީ ކަމަށް މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ މިވޭރިއެންޓްގެ ބަލި ފެތުރޭ މިންވަރު އިތުރުވެގެންދާ ކަމަށާއި، އެކަކުގައިން އަނެކަކު ގައިން ބަލި ފެތުރޭ ނިސްބަތް އިތުރުވެގެންދާލެއް އަވަސް ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވަމުން ގެންދަވާ ކަމަށެވެ.
މިވޭރިއެންޓް ފަންނީ ބޭފުޅުން ލަފާކުރާ ގޮތުގައި ސެޕްޓެންބަރު ހިސާބުގައި ވެސް ހަމަ އިނގިރޭސިވިލާތުގެ ސައުތު އީސްޓުގައި މި ފަދަ ވޭރިއެންޓް އިތުރަށް ކޭސްތައް ފާހަގަކުރެވިފައި.އޭގެ ފަހުން އަޅުގަނޑުމެންނަށް މިފަހުން މިފާހަގަކުރެވުނީ ލަންޑަންގައި މިކޭސްތަކުގެ އަދަދު 62 އިންސައްތަ އަށް މައްޗަށް ދިޔަތަން. އޭގެ ތެރޭގައި އަޅުގަނޑުމެން ފާހަގަކޮށްލެވޭ މިވޭރިއެންޓާ ގުޅިގެން ކޭސްތައް ލަންޑަަންގައި ވެސް ކުރީގަ އަދަދަށްވުރެ 62 އިންސައްތަ މައްޗަށް ޖެހިލާފަ މިވަނި. މިގޮތަށް އާންމުކޮށް ކޮންމެ ވައިރަސްއެއް ފެތުރޭއިރު މިއުޓޭޓްވާނެ އެނގޭތޯ. މިއުޓޭޓްވަމުންދާނެ އެެހެންވީމަ މިވަގުތު މިވައިރަސްގެ އިތުރު ނުރައްކަލެއް އޮތީއެއް ނޫން. މިބަލީގައި މިހާތަނަށް ފެންނަ ފެނުމުގައި ފަންނީ ބޭފުޅުން ލަފާ ދެއްވާފައި ކަމާ ބެހޭ ބޭފުޅުން ވިދާޅުވަނީ ބަލީގެ ހާލަތު އިތުރަށް ގޯސްވެގެންދަނީ އެއްނޫން.ހެލްތް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެންޓަރ އަބްދުﷲ މައުރޫފް
މައުރޫފް ވިދާޅުވީ ރާއްޖޭގެ ކޭސްތައް މިހާރު މަދުވިކަމުގައި ވީ ނަމަވެސް ބޯޑަރު ހުޅުވާލާ އެކި ގައުމުތަކުން ފަތުރުވެރިން އަންނަމުންދާއިރު، މިވޭރިއެންޓް ރާއްޖެއަށް އައުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އެހެންކަމުން އެކަމަށް ތައްޔާރުވެ މަސައްކަތް ކުރަމުންދާ ކަމަށް މައުރޫފް ވިދާޅުވިއެވެ.
ބަލީގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި މިހާރު ވެސް އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކުރުމަށް މައުރޫފް ވަނީ އިލްތިމާސް ކުރައްވާފައެވެ.