ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ފުރަން ގޮސް ހުރި މީހަކު ''ބޮމެކޭ'' ކިޔައިގެން ވާހަކަ ދެއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
މިހާދިސާއާ ގުޅޭ ގޮތުން ފުލުހުން ބުނީ 29 ޑިސެންބަރު 2020 ވަނަ ދުވަހު 13:30 ހާއިރު މާލެއިން ފުރަން ގޮސް އެއަރޕޯޓުގައި ހުރި އިންޑިއާގެ 28 އަހަރުގެ ފިރިހެނަކު ބޮމެކޭ ބުނެ ވާހަކަ ދައްކާފައިވާ ކަމަށް ތުހުމަތުކުރެވިގެން އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒްއިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 5 ދުވަސް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޓެރަރިޒަމަށް ހިތްވަރު ދިނުމާއި ޓެރަރިޒަމާއި ގުޅޭ މިފަދަ ނުރައްކާތެރި ވާހަކަތައް ދެއްކުމަކީ ހައްޔަރުކުރެވޭ ކުށެކެވެ. އަދި މިފަދަ މައްސަލަތަކަށް ޚާއްސަ ސަމާލުމެއްދީގެން ފުލުހުން ތަހުގީގުތައް ކުރިއަށް ގެންދެއެވެ.