ގދ. ތިނަދޫގައި ހިއްކާފައިވާ ސަރަހައްދުން މީހުން ދިރިއުޅުމަށްޓަކައި ގޯތި ދޫކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ތިނަދޫ ކައުންސިލުގެ ރައީސް އަލީ އަމްޖަދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަމްޖަދު ވިދާޅުވީ މިހާރު ކުރިއަށްދަނީ ބިން އޮޓިޑް ކުރުމުގެ މަސައްކަތް ކަމަށާއި، އެ މަސައްކަތް ނިމުނުހާ އަވަހަށް ގޯއްޗަށް އެދުމަށް ހުޅުވާލާނެ ކަމަށެވެ.
ކައުންސިލުން ޕްލޭން ކޮށްފައިވަނީ ރައްޔިތުން ދިރިއުޅުމަށް 150 ގޯތި ދޫކުރުމަށް ކަމަށާއި، އެގޮތުން އެކަމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކައުންސިލުން ވަނީ ހިއްކާފައިވާ ސަރަހައްދުގައި ލޯކަލް ޓޫއަރިޒަމްވެސް ތަރައްގީކުރެވޭ ގޮތަށް ޕްލޭންތަކެއްކޮށްފައި ކަމަށާއި، އެހެންނަމަވެސް އަބަދުވެސް ޕްލޭންތަކަށް ބަދަލު އަންނަ ކަމަށް އަމްޖަދު ވިދާޅުވިއެވެ.
އަބަދުވެސް ބިންތައް ބޭނުން ކުރަނީ ސަރުކާރުން އަންނަ މަޝްރޫއުތަކަށް ބަލާފައި. ކައުންސިލް ދެކޭ ގޮތުގައި ބިން އޮންނަ ރަށްރަށުގައި ޕްލޭންތައް ކުރަންވާނީ ބިމުން ނަފާވެސް ލިބޭނެ ގޮތަށް. އަދި ލޯކަލް ޓުއަރިޒަމް ތަރައްގީވެ، ގޯތި ބޭނުންވާ ފަރާތްތަކަށް ގޯތިވެސް ދޭން ކައުންސިލުން ބޭނުންވަނީ.ތިނަދޫ ކައުންސިލުގެ ރައީސް އަލީ އަމްޖަދު
ތިނަދޫގެ ވަރަށް ގިނަ މީހުން ބިމަށް ބޭނުންވެފައި ކަމަށާއި، އެގޮތުން އެންމެ ފަހުންވެސް ފްލެޓްތަކަށް އިއުލާން ކުރުމުން 300 ށްވުރެ ގިނަ މީހުން ފޯމު ހުށަހެޅި ކަމަށާއި، މިކަމުންވެސް ރައްޔިތުން ބޯހިޔާވަހިކަން ބޭނުންވެފައިތިބި މަންޒަރު މިކަމުންވެސް ހާމަވާ ކަމަށް އަމްޖަދު ވިދާޅުވިއެވެ.
ރާއްޖޭގެ އެތަން މިތަނުންވެސް ތިނަދޫގައި މީހުން ދިރިއުޅެމުންދާ ކަމަށާއި އެހެންކަމުން މިހާރު ހިއްކާފައި އޮތް ސަރަހައްދުވެސް ޖާގައިގެން ގޮތުން ކުޑަވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ތަނުގައިވެސް ތިނަދޫގެ ބިން ބޮޑުކުރަން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް އަމްޖަދު ވިދާޅުވިއިރު، ތިނަދޫގެ އާބާދީއަކީ ހަތްހާށްވުރެ ގިނަ މީހުން ދިރިއުޅެމުންދެއެވެ.