އައު އަހަރު އެންމެ އިސްކަމެއް ދޭނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
އައު އަހަރުގެ ތަހުނިޔާ ފޮނުވަމުން އިދިކޮޅު ކޯލިޝަނުން ބުނެފައި ވަނީ ނިމިގެންދިޔަ 2020 ވަނަ އަހަރަކީ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރި އަހަރެއް ކަމަށެވެ. އެގޮތުން ފާއިތުވި އަހަރު ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ސިޔާސީ ޙަރަކާތްތައް އިތުރަށް ވަރުގަދަވެ، މެމްބަރުން އިތުރުވެ، ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަމާއެކު ސިޔާސީ ޙަރަކާތްތައް ފުޅާވެ ވަރުގަދަވެގެން ދިޔަ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.
މީގެ އިތުރުން އެ ކޯލިޝަންގެ ސްޓިއަރިންގ ކޮމިޓީތައް އުފެދި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރުކުރުވާލެވި، ކޯލިޝަންގެ ސިޔާސީ މަސައްކަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ފެށިގެން ދިއުމަކީ ކުރިއެރުމެއްކަން ފާހަގަކުރަމުން އެ ކޯލިޝަނުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ މިފެށުނު 2021 ވަނަ އަހަރުވެސް އެންމެ އިސްކަން ދޭނީ ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތާއި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ކަމަށެވެ. އަދި އެކަމަށްޓަކައި ކޯލިޝަންގެ ސިޔާސީ ޙަރަކާތްތައް އިތުރު ހަރުފަތަކަށް ގެންދިއުމަކީ ވަރަށްބޮޑު އަމާޒެއް ކަމަށްވެސް އިދިކޮޅު ކޯލިޝަނުން ބުނެއެވެ.
2020 ވަނަ އަހަރު ވެގެންދިޔައީ ދުނިޔެ އަށާއި މުޅި ދިވެހިރާއްޖެ އަށްވެސް ވަރަށް ހިތްދަތިކަމާއި ނުތަނަވަސްކަން ކުރިމަތި ކުރުވި އަހަރެއްކަން ފާހަގަކުރަމުން އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ، ކޯވިޑް-19 ގެ ސަބަބުން ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ލޮޅުންތަކާއި ދަތިތައް ރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކަމަށެވެ.