ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 12 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެއެވެ.
މި މަޝްރޫއު މޮބިލައިޒް ކުރެވިފައިވަނީ 07 ޑިސެމްބަރ 2020 ގައެވެ.
މި މަޝްރޫއުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 350 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،380 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމަށްވަނީ ނިންމައިފައެވެ.
ޅައިމަގު ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ އެރަށު ރައްޔިތުންގެ އުންމީދެކެވެ. އެރަށުގެ ބަނދަރު ކުޑަވުމުގެ ސަބަބުންނާއި، ބަނދަރު ފަޅު ތިލަވުމުގެ ސަބަބުން ލަފާފުރާ ދޯނިތަކަށް ވެސް ވަރަށް ބޮޑަށް ދަތިވެފައިވާއިރު، ބަނދަރުގެ މަސައްކަތް ނިމޭނެ ދުވަހަކަށް ރައްޔިތުން ތިބީ އިންތިޒާރު ގައެވެ.
މި މަޝްރޫއަށް 56.3 މިލިއަން ރުފިޔާގެ ހަރަދުވާނެ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.