ކ. މާލެ
|
1 ޖެނުއަރީ 2021 | ހުކުރު 19:09
ކޯސްޓް ގާޑުގެ އުޅަނދެއް ކަނޑުމަތީގައި ހަަރަކާތްތެރިވަނީ
ކޯސްޓް ގާޑުގެ އުޅަނދެއް ކަނޑުމަތީގައި ހަަރަކާތްތެރިވަނީ
އެމްއެންޑީއެފް
2020 ވަނަ އަހަރު ކޯސްޓް ގާޑުގެ މަސައްކަތްތައް
އެކި މައްސަލަތަކާއި ގުޅިގެން 2020 ވަނަ އަހަރު ރާއްޖެ ސަރަހައްދުން 20 އުޅަނދެއް ވަނީ ހިފަހައްޓާފަ- ކާނަލް ސަލީމް
ކޯސްޓު ގާޑައި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ތަފާތު އެކިއެކި އޮޕަރޭޝަންތަކެއް މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވިގެން ގޮސްފައިވޭ
މި އޮޕަރޭޝަންތަކުން ކާމިޔާބުކަމާއި އެކު ވަރަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވޭ
ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހުރިހާ އޭޖެންސީތަކެއް ގުޅިގެން މިފަދަ އޮޕަރޭޝަންތައް ހިންގާނެކަަމުގެ ޔަގީންކަން ކާނަލް ސަލީމް ވަނީ އަރުވާފަ

ތަފާތު އެކިއެކި މައްސަލަތަކާއި ގުޅިގެން 2020 ވަނަ އަހަރު ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން 20 އުޅަނދެއް ހިފަހައްޓާފައިވާކަމަށް ކޯސްޓު ގާޑުގެ ކޮމަޑާން ކާނަލް މުހައްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ ގެ 'ފަލަސުރުހީ' ޕްރޮގްރާމްގައި ވާހަކަ ދައްކަމަވުން ކާނަލް ސަލީމް ވިދާޅުވީ ކޯސްޓު ގާޑައި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ތަފާތު އެކިއެކި އޮޕަރޭޝަންތަކެއް މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވިގެން ދިއަކަމަށެވެ.

އަދި މި އޮޕަރޭޝަންތަކުން ކާމިޔާބުކަމާއި އެކު ވަރަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވި ހިފެހެއްޓިފައިވާކަމަށް ކާނަލް ސަލީމް މައުލޫމާތު ދެއްވިއެވެ.

ކާނަލް ސަލީމްގެ ވާހަކައިގައި ރީޖަނަލް ޕާޓްނަރުންގެ އެއްބާރުލުން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ސްރީލަންކާ، އިންޑިއާ އަދި ރާއްޖެ ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި މަސްތުވާތަކެތީގެ އެކިއެކި ބާވަތްތައް ބޮޑު އަދަދުން އަތުލައިގަނެވި ކާމިޔާބު ކަމާއިއެކު މިފަދަ އޮޕަރޭޝަންތައް ހިންގިފައިވާކަމަށް ކާނަލް ސަލީމް ވިދާޅުވިއެވެ.

މީގެ އިތުރުން ގިނަ އޮޕަރޭޝަންތައް ކާމިޔާބު ކަމާއިއެކު ނިންމާލެވުނީ އެމެރިކާގެ ޑްރަގް އެންފޯސްމެންޓް އޭޖެންސީ (ޑީއީއޭ)ވެސް ހިމެނިގެން އިންޓަރޕޯލ މެދުވެރިކޮށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއަށް ލިބުނު މައުލޫމާތުގެ އިތުރުން ކަސްޓަމްސްއަށް ލިބޭ މައުލޫމާތު ހިމެނޭގޮތަށް ހުރިހާ ލޯ އެންފޯސްމަންޓު ތަކެއް ގުޅިގެން އޮޕަރޭޝަންތައް ހިންގުމުންކަމަށް ކާނަލް ސަލީމް ހާމަކުރެއްވިއެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ހުރިހާ އޭޖެންސީތަކެއް ގުޅިގެން މިފަދަ އޮޕަރޭޝަންތައް ހިންގާނެކަަމުގެ ޔަގީންކަން ކާނަލް ސަލީމް ވަނީ އަރުވާފައެވެ.

ދިވެހިރާއްޖޭގެ ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަމަށް ކޯސްޓް ގާޑާއި ކަމާބެހޭ އިދާރާތަކުން ގުޅިގެން އަންނަނީ ތަފާތު އެކިއެކި އޭޖެންސީތަކާއި ގުޅިގެން ފުޅާދާއިރާއެއްގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

- ކޮމެންޓް