ކ. މާލެ
|
1 ޖެނުއަރީ 2021 | ހުކުރު 09:48
\'މޯލްޑިވްސް ބޯޑަރ މައިލްސް\' ރަސްމީކޮށް ލޯންޗްކޮށްފި
'މޯލްޑިވްސް ބޯޑަރ މައިލްސް' ރަސްމީކޮށް ލޯންޗްކޮށްފި
ރާއްޖެއެމްވީ
'މޯލްޑިވްސް ބޯޑަރ މައިލްސް
ދުނިޔޭގައި ފުރަތަމަ ފަހަރަށް 'މޯލްޑިވްސް ބޯޑަރ މައިލްސް' ރަސްމީކޮށް ލޯންޗްކޮށްފި
މިއީ މުޅި ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް އިފްތިތާޙު ކުރެވޭ އެންމެ ފުރަތަމަ ފަހަރު
2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި

'މޯލްޑިވްސް ބޯޑަރ މައިލްސް' ޕްރޮގްރާމް ރަސްމީކޮށް ލޯންޗްކޮށްފިއެވެ.

މިކަމަށްޓަކައި ހުކުރު ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި 'މޯލްޑިވްސް ބޯޑަރ މައިލްސް' ލޯންޗްކުރުމުގެ ގޮތުން 2021 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވަނީ މަރުހަބާ ކިޔާފައެވެ.

މުޅި ދުނިޔޭގައި ވެސް އިފްތިތާޙުކުރި ފުރަތަމަ ލޯޔަލްޓީ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މޯލްޑިވްސް އިމިގްރޭޝަނުން ހުޅުވާލަމުން ބުނެފައި ވަނީ މިއީ ފަތުރުވެރިިކަމުގެ ޚިދުމަތްދޭ ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުސަތެއް ކަމަށެވެ.

ފަތުރުވެރިންނަށް ޙާއްސަ، އަދި މި ޕްރޮގްރާމުގެ ސަބަބުން ލިބޭ ފައިދާތައް ތިން ދަރަޖައަކަށް ބަހާލެވިގެންވާ "ލޯޔަލްޓީ" ޕްރޮގްރާމުގެ ޕާރޓްނަރުންނަށްވާ ފަރާތްތަކަށް ވަރަށް ޚާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

މި ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތް ކުރާ އަދަދަށާއި އަދި ރާއްޖޭގައި ހޭދަ ކުރާ ދުވަހުގެ އަދަދަށް ކަމަށްވާއިރު، އަދި ޙާއްސަ މުނާސަބާތަކާއި ގުޅުވައިގެން ރާއްޖެ ޒިޔާރަތް ކުރާ ފަތުރުވެރިންނަށް އިތުރު ޕޮއިންޓުތަކެއް، މި ޕްރޮގްރާމުގައި ލިބިގެންދާނެއެވެ. އެހެންކަމުން ޕާރޓްނަރުންނަށްވާ ފަރާތްތަކާއި އަދި ކަސްޓަމަރުންނަށް ވެސް ޕޮއިންޓް ލިބޭ އުސޫލެއް ވަނީ ކަނޑައަޅާފައެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޙާއްސަ ފައިދާތައް ބެހިގެންވާ ތިން ދަރަޖައަކީ؛ އައިދަ (ލޮއި ދަރަޖަ)، އަންތަރަ (ރިހި ދަރަޖަ) އަދި އަބާރަނަ (ރަން ދަރަޖަ) އެވެ. މިއިން ކޮންމެ ދަރަޖައެއް ހާސިލް ކުރާ ފަތުރުވެރިއަކަށް ވެސް އެ ފަތުރުވެރިއަކު ހާސިލް ކުރާ ދަރަޖައަކާއި ގުޅޭ ޙާއްސަ ފައިދާ ތަކެއް ލިބިގެން ދާނެއެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ފަތުރުވެރިންނަށް ލިބޭ ޕޮއިންޓު އިތުރުވަމުންދާ މިންވަރަކަށް، ފަތުރުވެރިންނަށް ލިބިގެންދާ ފައިދާތަކާ ޚިދުމަތްތައް ވެސް އިތުރު ވެގެންދާނެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، އިތުރަށް ފުޅާކުރުމުގެ މަޤްޞަދުގައި ތަޢާރަފްކުރި މި ޕްރޮގްރާމުގެ ސަބަބުން ރާއްޖޭގެ މަޤުބޫލުކަން އިހުނަށްވުރެން މުޅި ދުނިޔޭގައި އިތުރުވެގެން ދާނެކަމަށާއި، ނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމަށް ލިބިފައިވާ މަޤްބޫލުކަމުގެ ފައިދާ، މިހާރަށްވުރެ ވެސް ފުޅާ ގޮތެއްގައި ލިބިގެންދާނެ ކަމެއް ކަމަށް، ދެކެވަޑައިގަންނަވާ ކަމަށް މިޕްރޮގްރާމް އިފްތިތާޙު ކުރުމަށްފަހު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވެފައިވެއެވެ.

މޯލްޑިވްސް ބޯޑަރ މައިލްސް އަކީ ފަތުރުވެރިކަން ކުރިއެރުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިސްނަގައިގެން ކަމާ ގުޅުން ހުރި އެހެނިހެން އިދާރާތަކާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޕްރޮގްރާމެކެވެ.

އެގޮތުން، މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމް، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގުޅިގެންނެވެ.

2019 ވަނަ އަހަރު ރާއްޖެއަށް 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތް ކުރުމާއިއެކު، އެ އަހަރު ވެގެން ދިޔައީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި އަހަރަށެވެ.

ނަމަވެސް، ކޮވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް ކުރިމަތިވުމާއިއެކު ރާއްޖޭގެ ބޯޑަރު 27 މާރިޗު 2020 ގައި ބަންދުކުރިއެވެ. ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އިޤްތިސާދުގެ މައި ތަނބު ކަމަށްވެފައި، ކޮވިޑް-19 ގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމަށް އެޅި ފިޔަވަޅުތަކާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް ވަނީ ކުރިމަތިވެފައެވެ.

ބޯޑަރު ބަންދު ކުރުމަށްފަހު ގާތްގަނޑަކަށް ހަތަރު މަސް ފާއިތުވި ފަހުން، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކާއެކު، 15 ޖުލައި 2020 ގައި ރާއްޖެ އަލުން ފަތުރުވެރިންނަށް ވަނީ ހުޅުވާލާފައެވެ. އޭގެ ފަހުން މިހާތަނަށް ރާއްޖެއަށް އެއްލައްކައަށް ވުރެ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިފަދަ ދަނޑިވަޅަކާއި ދިމާކޮށް މޯލްޑިވްސް ބޯޑަރ މައިލްސް ޕްރޮގްރާމް ތަޢާރަފް ކުރުން ވެގެންދާނީ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކޮށިގެންދާ ވަރަށް ތަނަވަސް މަގަކަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ހުޅުވިގެންދާ މުހިންމު ދޮރަކަށެވެ.

- ކޮމެންޓް