ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި އަނބިކަނބަލުން ފަޒްނާ އަހުމަދު އައު އަހަރުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ރައީސް ވަނީ ރައީސްގެ ދެކަނބަލުންގެ ފަރާތުން އައު އަހަރުގެ ތަހުނިޔާ ދަންނަވާފައެވެ. ރައީސް ވިދާޅުވީ، މި ނިމުނު 2020 ވަނަ އަހަރަކީ ގިނަ ފިލާވަޅުތަކެއް ދަސްކޮށްދިން އަހަރެއް ކަމަށެވެ.
އަދި ދިމާވި އެކިއެކި ދަތިތަކާ އުނދަގޫތަކުން ދިވެހިން އިބުރަތް ހާސިލްކޮށް އަނެކާއަށްޓަކައި ވަމުންދާ ގުރުބާނީއާއި، ދިވެހިންގެ އޯގާތެރިކަމާއި، އެކަކު އަނެކަކަށްޓަކައިވާ ރަހުމާއި ކުލުނު ފެނިގެން ގޮސްފައިވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުުރުން ރައީސް ވިދާޅުވީ، ދިވެހި ރައްޔިތުންގެ ކިބައިގައިވާ އެންމެހާ ރިވެތި އަޚްލާގުގެ ސަބަބުން 2021 ވަނަ އަހަރު އުޖާލާވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މުޅިން އައު އުއްމީދަކާއި އަޒުމަކާއި އެކު 2021 ވަނަ އަަހަރު ފެށުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.