އައު އަހަރާއި ދިމާކޮށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުން މަސްތުވާތަކެއްޗާއި ދެކޮޅަށް މާލޭގައި ޚާއްސަ އޮޕަރޭޝަނެއް ހިންގަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށެވެ.
އަދި މި އޮޕަރޭޝަނާއި ގުޅޭ އިތުރު މައުލޫމާތު އޮޕަރޭޝަން ނިމުމުން ހިއްސާ ކުރައްވާނެ ކަމަށް ވެސް އޮފިސަރު ވިދާޅުވިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އޮޕަރޭޝަންގެ ތެރެއިން މާލޭގެ މަޖީދީމަގުން ރާފުޅިތަކަކާއި އެކު ބަޔަކު ވަނީ ހައްޔަރު ކޮށްފައެވެ.
ތަފާތު އެކިއެކި މުނާސަބަތު ތަކާއި ގުޅިގެން ބައެއް ފަރާތްތަކުން ބާއްވާ މިފަދަ ހަފްލާތަކާއި ޕާޓީތަކުގައި މަސްތުވާތަކެއްޗާއި ރާ ބޭނުންކުރަމުންދާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.
ނަމަވެސް ފުލުހުން ދަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުންގެ އިންޓެލިޖެންސާއި ގުޅިގެން މިފަދަ އަމަލުތައް ކުރަމުންދާ ފަރާތްތައް ހޯދާ، މަސްތުވާތަކެއްޗާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.