މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)ގެ ހިޔާ ފުލެޓްތަކުގެ ދާއިމީ ލިސްޓް އިއުލާން ކޮށްފިއެވެ.
އެމްޕީއެލުން ބުނީ އެކުންފުނިން އިމާރާތްކުރާ ފުލެޓްތައް ލިބޭ މުވައްޒަފުންގެ ދާއިމީ ލިސްޓު، 31 ޑިސެމްބަރު 2020 ވަނަ ދުވަހު ވަނީ އިއުލާން ކުރެވިފައިވާ ކަމަށެވެ.
އެމްޕީއެލުން އިމާރާތްކުރާ ފުލެޓްތަކުގެ ޕްރޮޖެކްޓް އަގަކީ 566,576.219.88ރ (ފަސް ސަތޭކަ ފަސް ދޮޅަސް ހަ މިލިއަން ފަސް ލައްކަ ހަތް ދިހަ ހަ ހާސް ދުވިސައްތަ ނަވާރަ ރުފިޔާ އަށްޑިހަ އަށް ލާރި) އެވެ.
މިމަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 15 ބުރީގެ 3 ޓަވަރ އިމާރާތް ކުރެވޭނެއެވެ.
އެމްޕީއެލުން ބުނީ މިމަޝްރޫއު ނިންމަން ކުރިން ހަމަޖެހިފައިއޮތީ ސެޕްޓެމްބަރ 2020 ގެ ނިޔަލަށް ކަމަށެއެވެ. ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން މިހާރު މިމަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ އޮކްޓޯބަރ 2021 ގެ ނިޔަލަށެވެ. ޕްރޮޖެކްޓްގެ މަސައްކަތުގެ 63 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ވެސް އެމްޕީއެލުން ބުނެއެވެ.
މީގެ އިތުރުން އެމްޕީއެލުން ބުނީ އެކުންފުނީގެ ފްލެޓްތައް ދިނުމަށް 2018 ވަނަ އަހަރުގެ ފަހުކޮޅު ވަގުތީ ލިސްޓު އާންމުކުރެވިފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރާއެކު، އަލަށް ހަވާލުވި މެނޭޖްމަންޓުން ޕޮއިންޓް ދެވޭނެ ހަރުދަނާ އުސޫލެއް ކަނޑައަޅައި، ހަމަހަމަ އުސޫލެއްގެ ދަށުން ފުލެޓްތައް ދިނުމަށް އޭރުގެ ވަގުތީ ލިސްޓް ކެންސަލްކޮށް، 01 ނޮވެމްބަރ 2019 ގައި ވަނީ އަލުން އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ހުޅުވާލުވުނު ކަމަށް އެމްޕީއެލުން ބުނެއެވެ.
އެމްޕީއެލުން ބުނީ އެޕްލިކޭޝަން ފޯމް ބަލައިގަތުމާއެކު ވަގުތުން ދޫކުރެވޭ ސްލިޕްގައި ލިބޭ މާކްސް ހިމެނިފައިވާ ކަމަށެވެ. އެމްޕީއެލުން ބުނީ ވަގުތީ ލިސްޓް އިއުލާންކުރުމަށްފަހު، ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ ވަގުތު ދިނުމަށްފަހު، ހުށަހެޅުނު ޝަކުވާތަކަށް އެޑްރެސްކުރެވިފައިވާ ކަމަށާއި، ދާއިމީ ލިސްޓުގައި ހިމެނޭ މުވައްޒަފުންނަށް ފްލެޓް ގަތުމަށް 3 ގޮތެއް އިޙްތިޔާރުކުރެވޭނެ ކަމަށެވެ.
ދާއިމީ ލިސްޓުގައި ހިމެނޭ މުވައްޒަފުންނަށް ފްލެޓް ގަތުމަށް އިހުތިޔާރުކުރެވޭ ތިން ގޮތް
- އެކީ އެއްފަހަރާ (ގަނޑުކޮށް) ފައިސާ ދެއްކުން. މިގޮތް އިޚްތިޔާރުކުރާ މުވައްޒަފުންނަށް އެއްބަސްވުމުގައި ސޮއިކުރާތާ 3 މަސް ދުވަހުގެ ތެރޭގައި ފައިސާ ދެއްކުން. މިގޮތް އިޚްތިޔާރުކުރާ މުވައްޒަފުންނަށް ޖުމްލަ އަދަދުން 7 އިންސައްތަ ގެ ޑިސްކައުންޓް ދެވޭނެއެވެ.
- އެއް އަހަރަށް ބަހާލައިގެން ފައިސާދެއްކުން. މި ގޮތް އިޚްތިޔާރުކުރާ މުވައްޒަފުން، ކަނޑައެޅިފައިވާ މުއްދަތުގައި 20 އިންސައްތަ ޑައުންޕޭމަންޓް ދެއްކުމަށްފަހު ބާކީ އެއް އަހަރަށް ބަހާލައިގެން ދެއްކުމެވެ.
- ބޭންކް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓަކުން ލޯން ހަމަޖެއްސުން. މި ގޮތް އިޚްތިޔާރުކުރާ ފަރާތްތަކަށް، ލިޔެކިޔުން ފުރިހަމަ ކުރަން ބޭނުންވާ އެހީތެރިކަން ކުންފުނިން ދޭނެއެވެ.
އެމްޕީއެލުން ބުނީ އެއް ކޮޓަރީގެ ފްލެޓް އިން 204 ފްލެޓް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. 800،000 ރުފިޔާ ވިއްކުމަށް ކަނޑައަޅާފައިވާ ޓައިފް-A ފްލެޓްތަކުގެ ބޮޑުމިނަކީ 454 އަކަފޫޓު ކަމަށެވެ. އަދި 828،132 ރުފިޔާ ވިއްކުމަށް ކަނޑައަޅާފައިވާ ޓައިޕް-B ގެ ފްލެޓްތަކުގެ ބޮޑުމިނަކީ 471 އަކަފޫޓު ކަމަށެވެ.
އެމްޕީއެލުން ބުނީ ތިން ކޮޓަރީގެ ފްލެޓް އިން 330 ފްލެޓް ވިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. 1،500،000 ރުފިޔާއަށް ވިއްކުމަށް ކަނޑައަޅާފައިވާ ޓައިޕް-A ފެލްޓްތަކުގެ ބޮޑު މިނަކީ 670 އަކަފޫޓެވެ. އަދި ޓައިޕް-B ފްލެޓްތައް 1،535،821 ރުފިޔާއަށް ވިއްކުމަށް ނިންމާފައިވާއިރު ފްލެޓްތަކުގެ ބޮޑުމިނަކީ 689 އަކަފޫޓު ކަމަށް އެމްޕީއެލުން މައުލޫމާތުދެއެވެ.