ކ. މާލެ
|
31 ޑިސެންބަރ 2020 | ބުރާސްފަތި 18:33
ނައިބު ރައީސް ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020ގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުން
ނައިބު ރައީސް ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020ގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުން
ރައީސް އޮފީސް
ވާޗުއަލް ޤުރުއާން މުބާރާތް
ވަރޗުއަލް ޤްރުއާން މުބާރާތުގެ ފަހުރުވެރި އެއްވަނަ މުހައްމަދު ސާއީއަށް
މި މުބާރާތުގައި ގައުމުން ބޭރުގައި އުޅޭ ފަރާތްތަކަށްވެސް ވާދަކުރުމުގެ ފުރުސަތު ދީފައިވޭ
މުބާރާތުން ދެ ކެޓަގަރީ އެއްކޮށް ތިންވަނަ ހޯދާފައިވަނީ ޢައިޝަތު އިނާން ރަމްޒީ
މުބާރާތުގެ ދެވަނަ ހޯދާފައިވަނީ އަކްމަލް އަޖުވަދު ޢަލީ

ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވަރޗުއަލް ޤައުމީ މުބާރާތުގެ ފަހުރުވެރި އެއްވަނަ މުހައްމަދު ސާއީ މުބާރިކު ހޯދައިފިއެވެ.

ކޮވިޑްގެ ހާލަތާއި ގުޅިގެން ވަރޗުއަލްކޮށް ބޭއްވި މި ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް 3055 ފޯމު ހުށަހެޅިއިރު، މީގެ ތެރެއިން ޤުރުއާން ކިޔަވާ ވީޑިއޯ ފޮނުވާފައިވަނީ 2593 ދަރިވަރުންނެވެ. އަދި އޭގެތެރެއިން ފައިނަލަށް ދަތުރުކޮށްފައިވަނީ 343 ދަރިވަރުންނެވެ. މި މުބާރާތުގައި 8 އުމުރު ފުރާއަކުން ވަނީ ބައިވެރިން ވާދަކޮށްފައެވެ.

މުޅި މުބާރާތުގެ ދެ ކެޓަގަރީންވެސް އެއްވަނަ ހޯދީ ނ. ހޮޅުދޫ ސާރާމަންޒިލް މުޙައްމަދު ސާއީ މުބާރިކުއެވެ. ދެވަނަ ހޯދާފައިވަނީ ހަމަ އެރަށު ބަނަފްސާގެ އަކްމަލް އަޖުވަދު ޢަލީ އެވެ. މުޅި މުބާރާތުން ދެ ކެޓަގަރީ އެއްކޮށް ތިންވަނަ ހޯދާފައިވަނީ ށ. ފުނަދޫ ހިރިޔާ ޢައިޝަތު އިނާން ރަމްޒީއެވެ.

ބުރާސްފަތި ދުވަހު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވި މި ރަސްމިއްޔާތުގައި، މުބާރާތުގެ އެންމެ ޝަރަފުވެރި ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ މި އަހަރު ކޯވިޑް-19 ގެ ސަބަބުން ތަޢުލީމީ ދާއިރާއިން ގެއްލިގެން ދިޔަ ދުވަސްތައް އަނބުރާ ހޯދުމަށް އައު އަހަރާއެކު އައު އަޒުމެއްގައި މަސައްކަތްކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި، މި ކަމުގައި ހުރިހާ ބެލެނިވެރިންވެސް، ދަރިވަރުންނަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިވަޑައިގެންނެވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު ސަރުކާރުގެ ތެރެއިން މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި، ހާއްސަ ގޮތެއްގައި އިޖުތިމާއީ ކަންތައްތަކާއި ތައުލީމީ ކަންކަން ވަރުގަދަ ކުރުމަށްޓަކައި ސޯޝަލް ކައުންސިލް އުފައްދަވައި އެ ކައުންސިލަށް ވަރަށް ގިނަ ޒިންމާތަކެއް ހަވާލުކުރައްވާފައިވާ ކަމަށެވެ. އެގޮތުން މިއަދު ނިމިގެން މިދިޔަ ޤުރުއާން މުބާރާތަކީވެސް އެ ކައުންސިލުގެ މަސައްކަތެއް ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ކައުންސިލުން އެންމެ ބޮޑު ސަމާލުކަމެއް ދޭ ކަންތައްތައް އެއީ ދީނީ ކަންތައްތައް ކުރިއަރުވައި ހާއްސަކޮށް ދަރިވަރުންނާއި ތުއްތު ކުދިންގެ ހިތްތަކުގައި ޤުރުއާނަށް އޮތް ލޯބި އިތުރު ކުރުމަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި ވާންޖެހޭ. މިކަމަކީ ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް މި ކައުންސިލަށް ދެއްވަމުން ގެންދަވާ އިރުޝާދެއް. ކުރިއަށް އޮތީ އައު އަހަރު ކަމަށްވާއިރު އައު އަހަރަށް އަޅުގަނޑުމެންގެ ޢަޒުމްތައް އެބަ ވަރުގަދަކުރަންޖެހޭ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް
ނައިބު ރައީސް ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020ގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުން

ކީރިތި ޤުރުއާން ބަލައިގެން ކިޔެވުމުގެ ވަރޗުއަލް ޤައުމީ މުބާރާތް އިންތިޒާމުކޮށްފައި ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބި ދިވެހިންނަށް ވެސް މުބާރާތުގައި ބައިވެރިވެވޭ ގޮތަށެވެ. މިއީ، މި ގޮތަށް މިފަދަ މުބާރާތެއް ބޭއްވި ފުރަތަމަ ފަހަރެވެ. މި ރަސްމިއްޔާތުގައި މުޅި މުބާރާތުން އެއްވަނަ އަދި ދެވަނަ ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ. އަދި، ޤުރުއާން ހިތުދަސްކުރި ފަސް ޙާފިޡުންނަށް ވެސް އެ މަނިކުފާނު އިނާމު ހަވާލުކޮށްދެއްވިއެވެ.

މި ރަސްމިއްޔާތުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ.އިބްރާހިމް ހަސަންއާއި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢައިޝަތު ޢަލީއާއި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވެސް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

- ކޮމެންޓް