ރާއްޖެއަށް ވެކްސިން ގެނައުމަށް ސޮއިކުރުމަށް ނިންމުމާއެކު ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ނުވަތަ ގަވާއިދުން ބަޔަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ކަނޑައަޅައިފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ބޭނުންވާ ވެކްސިން ހޯދުމަށް ދިވެހި ސަރުކާރާއި ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި ވެކްސިނަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށްވެސް ބޭނުން ޖެހިފައިވާ ވެކްސިނަކަށްވުމާއި، އެ ވެކްސިން މިވަގުތު ވަކި ބައެއްގެ ފަރާތުން މެނުވީ ލިބެން ނެތުމުގެ ސަބަބުން، އެ ވެކްސިން މުޅި ދުނިޔޭގައިވެސް ދޫކުރަމުންދަނީ ޕްރޮކިއުމަންޓުގެ ހާއްސަ އުސޫލުތަކެއްގެ ދަށުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ފިނޭންސް މިނިސްޓްރީން ބުނީ ކޮވިޑް-19 އިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށް ބޭނުންވާ ވެކްސިން ހޯދުމުގެ ގޮތުން މި އެއްބަސްވުމުގައި ސޮއިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 1-1.02 ވަނަ މާއްދާއިން، ލިބިދޭ ބާރުގެ ދަށުން، އެއެއްބަސްވުމުގައި ސޮއިކޮށް ތަންފީޒުކުރުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބަޔާންކޮށްފައިވާ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމާފައިވާ ކަމަށެވެ.