ރާއްޖޭގައި ޤަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން މިހާތަނަށް 9633 ބަންގްލަދޭޝް މީހަކު އަނބުރާ ގައުމަށް ފޮނުވާލެވިއްޖެ ކަމަށް މޯލްޑިވިއަނުން ބުނެފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރ މޫސާ ވަސީމް ވިދާޅުވީ ބުރާސްފަތި ދުވަހު އިތުރު 200 މީހަކު އަނބުރާ ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް ފޮނުވާލެވިފައި ވާކަމަށާއި މި އަދާދާއެކު މިހާތަނަށް 9633 ބަންގްލަދޭޝް ރައްޔިތެއް އަނބުރާ ގައުމަށް ފޮނުވާލެވިފައި ވާކަމަށެވެ.
ވަސީމް ވިދާޅުވީ މިހާތަނަށް އައިއިރު މޯލްޑިވިއަނުން ބަންގްލަދޭޝްއަށް 50 ފްލައިޓް ބާއްވާފައިވާ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުން ކުރި ހިސާބުން ރާއްޖޭގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދާ އޭގެތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މި ސަރުކާރުން އަންނަނީ ދެމުންނެވެ. އެގޮތުން ރާއްޖޭގައި ދިރިއުޅޭ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް އަންނަނީ ކުރަމުންނެެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ބަންގްލަދޭޝްގެ ގިނަބަޔަކު ހިމެނޭއިރު، މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ރާއްޖޭގައި ސައްހަ ލިޔުމެއް ނެތި އުޅެމުންދިޔަ ބިދޭސީންތަކެއް ވަނީ ފޮނުވާލާފައެވެ.
ޤަވާއިދާ ހިލާފަށް އުޅެމުން އަންނަ ބިދޭސީން ގައުމަށް ފޮނުވާލުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ބަންގްލަދޭޝްގެ އަސްކަރީ މަނަވަރަކާއި އެގައުމުގެ ގައުމީ އެއާލައިނާއި، މޯލްޑިވިއަން އާއި އަދި އިކޮނިމިކް މިނިސްޓްރީ އާއި ފޮރިންގ މިނިސްޓްރީގެ އިތުރުން ކަމާއި ބެހޭ އެހެން އިދާރާތަކާއި ގުޅިގެންނެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 60،000 އަށް އަރާއިރު އޭގެ ތެރޭގައި ވެސް އެންމެ ގިނައީ ބަންގްލަދޭޝްގެ މަސައްކަތު މީހުންނެވެ. ސަރުކާރުން ވަނީ ގަވާއިދުގެ ތެރެއަށް ވަނުމަށް އެ ބިދޭސީންނަށް ފުރުސަތު ވެސް ދީފަ އެވެ. އެ ފުރުސަތުގައި 40،000 ބިދޭސީން ރަޖިސްޓްރީވި އެވެ.
ގައުމަށް ދާން ބޭނުންވާ ބިދޭސިންނަށް ހާއްސަކޮށްގެން އިކޮނޮމިކް މިނިސްޓްރީން މިހާރު ދަނީ ޕްރޮގްރާމެއްވެސް ހިންގަމުންނެވެ. އެ ޕްރޮގްރާމުގެ ދަށުން އަމިއްލައަށް ދާން ބޭނުންވެގެން ރަޖިސްޓްރީވާ ބިދޭސީންގެ އިތުރުން ވަޒީފާދޭ ފަރާތްތަކުން އެމީހުން ރަޖިސްޓްރީ ކޮށްގެން ރެގިއުލަރައިޒޭޝަން ސިސްޓަމް ތެރޭގައި ފެއްތުމަށް ގައުމަށް އަނބުރާ ފޮނުވާލެވޭ މީހުން ހިމެނެ އެވެ.
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް މީގެ ކުރިން ވިދާޅުވެފައިވަނީ އެމިނިސްޓްރީގެ އަމާޒަކީ މި އަހަރުގެ ތެރޭގައި 20،000 އެއްހާ ބިދޭސީން އެ މީހުންގެ ރުހުމުގައި އަނބުރާ ގައުމަށް ފޮނުވާލުން ކަމަށެ އެވެ.