ކޮވިޑް-19އާ ގުޅިގެން ގެސްޓްހައުސްތައް ބަންދުކުރުމަށްފަހު، އަލުން 35 ގެސްޓްހައުސެއް ހުޅުވައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީ އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެއީ މާލެގައި ހުޅުވާފައިވާ 9 ގެސްޓްހައިސާއި ހުޅުމާލޭގައި ހުޅުވާފައިވާ 25 ގެސްޓްހައުސްގެ އިތުރުން ވިލިމާލޭގައި ހުޅުވާފައިވާ އެއް ގެސްޓްހައުސްއެވެ.
މި 35 ގެސްޓްހައުސްގެ ހުޅުވައި ހިދްމަތް ދެމުންދާއިރު، އެއީ 511 ރޫމްގެ 1022 އެނދެވެ. މީގެއިތުރުން މާލެ ސަރަހައްދުގައި އޮޕަރޭޓް ކުރަމުންދާ 6 ޓޫރިސްޓް ހޮޓަލެއް ވެސް ވަނީ ހުޅުވާފަ އެވެ. މާލޭގައި ހުރި 5 ހޮޓަލަކާއި ހުޅުމާލޭގައި ހުރި ހޮޓަލެކެވެ. އެ ޓޫރިސްޓް ހޮޓާތަކުގައި ޖުމްލަ 426 ރޫމް ހުންނައިރު އެއީ 856 އެނދެވެ.
ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދެމުންދަނީ ކޮވިޑް-19ގެ ހާލަތަށް ބަލައި، ހާއްސަ އުސޫލްތަކެއް ކަނޑައެޅުމަށްފަހު، ގައިޑްލައިނަކާއެކުގަ އެވެ. އެގޮތުން، އެންމެ ފުރަތަމަ ގެސްޓްހައުސްތައް ހުޅުވާލަން ހުއްދަ ދިނީ ރަށްތަކުގައި ހުރި ގެސްޓްހައުސްތަކެވެ. އެގޮތުން މިހާތަނަށް 219 ގެސްޓްހައުސް އެކި ރަށްތަކުގައި ހުޅުވާފައިވެއެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު ޖުލައި 15 ގައި ބޯޑަރު ހުޅުވާލުމާއިއެކު ރިސޯޓްތަކާއި ސަފާރީތަކަށް ފަތުރުވެރިންނަށް ހިދުމަތްކުރުމުގެ ހުއްދަ ލިބިގެންދިޔަ ނަމަވެސް ގެސްޓްހައުސްތައް އޮޕަރޭޓްކުރުމުގެ ހުއްދަލިބިގެން ގޮސްފައި ވަނީ ފަހުންނެވެ. އެގޮތުން އަތޮޅުތެރޭގެ ގެސްޓް ހައުސްތައް އޮޕަރޭޓްކުރުމުގެ ހުއްދަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ދީފައިވާއިރު، މާލެ ސަރަހައްދުގެ ގެސްޓް ހައުސްތައް އޮޕަރޭޓްކުރުމުގެ ހުއްދަދީފައި ވަނީ ޑިސެމްބަރ 14 ވަނަ ދުވަހުއެވެ.