ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ހުއްދަ ވަކި މިންގަނޑެއްގެ ތެރެއިން ބެހެެއްޓުމުގެ ގޮތުން ޕާކިން ސްލޮޓްތައް ވިއްކުމުގެ ވިސްނުން ގެންގުޅޭ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ ސުހެއިލް އަޙްމަދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސުހެއިލް ވިދާޅުވީ މިހާރު އެންމެ ބޮޑު ޝަކުވާއަކަށްވެފައި އޮތީ ކުރިން ހުޅުމާލޭގައި ވެހިކަލް ރަޖިސްޓްރީ ކުރަމުން އައި ގޮތަށް ހުއްޓުމެއް ގެނެސްފައި އޮތް އޮތުން ކަމަށާއި އެހެންނަމަވެސް އެކަމަށް ހައްލު ހޯދުމުގެ ގޮތުން ވެހިކަލް ރަޖިސްޓްރީ ކުރުމަށް ވަކި މިންގަނޑެއް ކަނޑައަޅައި މިހާރު ޓްރާސްޕޯޓް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ.
މިހާރުވެސް ޓްރާންސްޕޯޓް ގަވާއިދާ އެއްގޮތަށް ގަރާޖެއް ދެއްކުމަށްފަހު ވެހިކަލް ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި ނަމަވެސް ގިނަ ފަހަރަށް އެ ދައްކާ ގަރާޖުތައްވެސް ފަހުން ތަނުގެ ވެރިފަރާތުން ކޮންމެވެސް އެހެން ބޭނުމަކަށް ނަގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ސުހެއިލް ވިދާޅުވިއެވެ.
މިކަމަކަށް ހައްލެއް ގެނެސްދިނުމުގެ ގޮތުން މިހާރު އެކުލަވާލާ ޓްރާސްޕޯޓަށް ހުށަހަޅާފައިވާ ޑްރާފްޓުގައިވެސް ޕާކިން ސްލޮޓް ނުވަތަ ސެޓްފިކެޓް އޮފް އެންޓައިޓަލްމަންޓްގެ ދަށުން ވަކި މުއްދަތަކަށް ޕާކިން ސްލޮޓް ހަޔަރ ކުރެވޭނެ ކަމަށެވެ.
މިހާރު ސިސްޓަމް އިންނަ ގޮތަކީ ރަޖިސްޓްރީ ކުރަން އެދޭ ހުއްދައާއި އެކު އެދެވެނީ މުޅި އުމުރަށް އެ ޕާކިން ސްލޮޓް އެފަރާތަކަށް. އޭނަ އެތަން ބޭނުން ނުކުރިއަސް، ކާރު އެހެން މީހަކަށް ވިއްކާލިއަސް، ހަމަ އޭނައަށް އެސްލޮޓް މުޅި އުމުރަށް އެލިބެނީ. ނަމަވެސް މި ތަޢާރަފްކުރާ އެއްޗަކީ ވަކި މުއްދަތަކަށް ލިބޭ އެއްޗެއް. ދެން ޖެހޭނީ އެ އިތުރުކުރަން.(އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ ސުހެއިލް އަޙްމަދު
މިހާރު ތަޢާރަފްކުރަން ތައްޔާރުވަމުން އަންނަ ސެޓްފިކެޓް އޮފް އެންޓައިޓްލްމަންޓްގެ ދަށުން ޕާކިންއަށް ވަކި މިންވަރެއް ޗާޖް ކުރާނެ ކަމަށާއި، އެހެންކަމުން އަމިއްލަ ގޯތި އޮންނަ ފަރާތްތަކުންވެސް މިކަމުގެ ސަބަބުން ގޭގެ ތިރީގައި ގަރާޖު ހެދުމަށް ވިސްނުން ގެންގުޅުއްވާނެ ކަމަށް ސުހެއިލް ވިދާޅުވިއެވެ.
ކުރީގައި ފްލެޓަކަށް ކާރު ރަޖިސްޓްރީކޮށްދެމުން ގެންދިޔަ ކަމަށާއި ބްރިޖް ގުޅުވާލުމާއި އެކު އެޑިމާންޑް ވަރަށް ބޮޑުވެގެންދިޔަ ކަމަށް ފާހަގަކުރަމުން ސުހެއިލް ވިދާޅުވީ އެހެންކަމުން ފިޔަވަޅުތަކަށް އަޅަން ޖެހުނީ ކަމަށެވެ.
އަދި ވެރިކަން ބަދަލުވުމަށްފަހުވެސް 2019 ވަނަ އަހަރު 300 ވަރަކަށް ޕާކިން ސްލޮޓް ހުޅުވާލިއިރު، 5 ވަރަކަށް މަސްތެރޭގައި އެތަންތަންވެސް ހުސްވި ކަމަށް ވިދާޅުވިއެވެ.
އެހެންކަމުން މިކަން މިއަށްވުރެ ހަރުދަނާކޮށް މޮނިޓަރކޮށްގެން އެކަން ބެލެހެއްޓުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.