ހުޅުމާލެ ފޭސް 1 ގައި މިހާރު މައްސަލަ ޖެހިފައިވާ މަގު ބައްތިތަކާއި، އަނދިރި މަގުތަކާއި ސަރަހައްދުތަކުގައި މަގު ބައްތިތައް ބަދަލުކޮށް ކަނޑައެޅިފައިވާ ހަމަތަކަށް ފެތޭހެން އައު މަގު ބައްތި ހަރުކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ބުނެފިއެވެ.
މިގޮތުން ފާހަގަ ކުރެވުނު 14 ސަރަހައްދެއްގައި ހުރި މައްސަލަ ޖެހިފައިވާ މަގު ބައްތިތައް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، 14 ޒޯންއެއްގައި 1,330 ލައިޓު ހަރުކުރާނެ ކަމަށް އެޗްޑީސީން ބުނެއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ އެޗްޑީސީ އާއި ގުއަންގެޒޯ ޔުއަން މެކޭނިކަލް އެންޑް އެލެކްޓްރިކް ކޯ ލިމިޓެޑް އާ ގުޅިގެންނެވެ.
އައު މަގުބައްތި ހަރުކޮށް މަގުބައްތި އިތުރު ކުރުމުގެ ޕްލޭން ފަރުމާ ކުރެވިފައިވަނީ ވަކި މިންތަކަކަށް ބަލައިގެންނެވެ. އެހެންކަމުން މި ސަރަހައްދުތަކުގައި ލައިޓް ޕޯސްޓް ޖެހުމަށް ހަމަޖެހިފައިވާ ތަންތަނުގައި މިވަގުތު ހުރި ގަސްތަކާއި ދިމާވާތީ، އެގަސްތަށް ނެގުމަށް ފަހު އެހެން ސަރަހައްދަކަަށް ބަދަލު ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެޗްޑީސީން ބުނެއެވެ.
މިގޮތުން ނެގޭ ގަސްތައް ނެގުމުގައި އަމަލު ކުރާނީ އީ.ޕީ.އޭގެ ގަވައިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި އަދި ގަސްތަކަށް ވީހާވެސް ގެއްލުން ނުދީ މަގުތަށް އަނދިރި ނުވާނެހެން މަގު ބައްތި ބަދަލު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ. މި ޕްރޮޖެކްޓްގެ ދަށުން ގަސް ނަގަން ޖެހިއްޖެ ހާލަތެއްގައި ނެގޭ ގަސްތަށް ހުޅުމާލޭ ފޭސް 2 ބީޗް ސަރަހައްދުގައި އަދި ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި އަލުން އިންދުމަށް އެކޯޕަރޭޝަނުން ވަނީ ނިންމާފައެވެ.
ސްޓްރީޓް ލައިޓް މާސްޓަރ ޕްލޭންގެ ދަށުން ކުރިއަށްގެންދާ މިމަޝްރޫއުގެ މަސައްކަތް 1 ޖޫން 2021 ވަނަ ދުވަހު ނިންމުމަށް ހަމަޖެހިފައިވާއިރު، މި ޕްރޮޖެކްޓްގެ މަސައްކަތް މިހާރު ޒޯން 1,2,3 އެއްގައި ދަނީ ކުރަމުންނެވެ.