ކ. މާލެ
|
31 ޑިސެންބަރ 2020 | ބުރާސްފަތި 06:54
ނިޔާމަ އައިލެންޑް
ނިޔާމަ އައިލެންޑް
މޫދު.ކޮމް
ކޮވިޑް-19 ރާއްޖޭގެ ހާލަތު
ނިޔާމަ ރިސޯޓުން 7 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ ރަށް މޮނިޓަރިންގ އަށް
ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 2 ފަތުރުވެރިޔަކާއި 5 ސްޓާފުން
މިހާތަނަށް ޖުމްލަ 17 ސާމްޕަލެއް ޓެސްޓް ކުރެވިފައިވޭ
ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުން

ނިޔާމަ ރިސޯޓުން 7 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެރަށް މޮނިޓަރިންގ އަށް ލައިފިއެވެ.

ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ސެންޓަރުގެ ތަރުޖަމާން ޑރ ނަޒްލާ ރަފީގު ވިދާޅުވީ އެ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 2 ފަތުރުވެރިޔަކާއި 5 ސްޓާފުންކަމަށެވެ. މީގެތެރެއިން 2 ފަތުރުވެރިންނާއި 3 ސްޓާފަކު ޓެސްޓް ކުރީ ބަލީގެ އަލާމާތްތައް ފެނިގެންކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

އަދި އިތުރު 2 ސްޓާފުން އެއީ ކޮންޓެކްޓުންކަމަށާއި އެމީހުން ޓެސްޓްކުރިއިރު ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

މިހާތަނަށް ޖުމްލަ 17 ސާމްޕަލެއް ޓެސްޓް ކުރެވިފައިވޭ. އޭގެތެރެއިން 7 މީހަކު ޕޮޒިޓިވްވީ. ރިސޯޓް މޮނިޓަރިންގ ގައި އޮތުމާއެކު އެރަށަށް ސްޕްލިޓް ސްޓޭ ހެދުމަށް ސްޓާފުން އެކި ތަންތަނަށް ދިޔުން ވަނީ ހުއްޓިފައި.
ޑރ ނަޒްލާ ރަފީގު

ޑރ ނަޒްލާ ވިދާޅުވީ މިވަގުތު ދަނީ ރެންޑަމް ސާމްޕަލް އެރަށުން ނެގުމުގެ އިންތިޒާމުތައް ދ. އަތޮޅު ހޮސްޕިޓަލާއި ނިޔާމަ ރިސޯޓާއި ގުޅިގެން ކުރަމުންކަމަށެވެ. އަދި ބުރާސްފަތި ދުވަހު ރެންޑަމް ސާމްޕަލް ނަގާ ޓެސްޓް ކުރުމުގެ މަސައްކަތް ކުރިޔަށްގެންދާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ފާއިތުވި 24 ގަޑިއިރު ރާއްޖެއިން ޕޮޒިޓިވްވި 47 މީހުންގެ ތެރޭގައި 15 މީހަކު ހިމެނޭކަމަށެވެ.

- ކޮމެންޓް