މަސްވެރިކަން ކުރާ ފަރާތްތައް ކުރިއަރައި، މަސްވެރިކަމަށް ބޭނުންކުރާ އުޅަނދު ފަހަރު އެތައް ތަނެއް ބޮޑުވެގެން ދިޔައިރުވެސް، މަސްވެރިކަމުގެ އިންޑަސްޓްރީގައި އޮތީ 1990 ގައި ގެނެވުނު އިންވެސްޓްމެންޓްތައް އެކަނި ކަމަށް މަސްވެރިކަމުގެ ދާއިރާއިން ޝަރަފްވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވި އަދުނާން އަލީ ވިދާޅުވެއްޖެއެވެ.
މަސްވެރިން ބާނާ މަސް ހަމަ އަގުގައި ގަތުމަށާއި، އެ މަސް ގަނެ ސްޓޯރ ކުރުމުގައި މިފްކޯއަށް ދަތިތަކެއް ހުރި ކަމަށް ވިދާޅުވެ، ރާއްޖެޓީވީއާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ގެނެސްދިން "މަސްވެރިންގެ ސައްލާ" ފޯރަމްގައި ވާހަކަ ދައްކަވަމުން އަދުނާން ވިދާޅުވީ އެންމެ ފުރަތަމަ އޭރުގެ ސަރުކާރުން ވޯލްޑް ބޭންކުން ނަގާފައި އޮތް ލޯނު ބޭނުންކުރަން ނިންމާފައި އޮތީ، ގއ އަތޮޅާއި، ހއ އަތޮޅުގައިި އެއްވަރުގެ 2 މަސް ސްޓޯރ ކުރާ ޕްލާންޓް (1500 ޓަނު) ތައްޔާރުކުރާ ގޮތަށް ކަމަށެވެ.
އަދުނާން ވިދާޅުވީ، އޭރު ސަރުކާރުގެ ޕްލޭނާ އެއްގޮތަށް ހއ އަތޮޅުގައި ޕްލާންޓެއް ހެދުނު ނަމަ، އެކަމުގެ ސަބަބުން ފެލިވަރަށް ވަރަށް ބޮޑުތަނުން ފަސޭހަތަކެއް ލިބިގެންދިޔައީސް ކަމަށެވެ. ނަމަވެސް އެކަން އެގޮތަށް ނުވީ، އޭރު ވޯލްޑު ބޭންކުން ލިބުނު ލޯނުގެ އެހީގައި ކުޑަކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ކޫއްޑޫ ވުޖޫދަށް ގެނައުމުގައި އެ މަސައްކަތުގައި އިސްދައުރެއް އަދާކުރެއްވި އަދުނާން ވިދާޅުވީ، ކޫއްޑޫގައި މަސައްކަތް ފަށައިގެން ވަކި ހިސާބަކަށް ދިޔައިރު، ގއ ވިލިނގިލީގައި އާންމު ރައްޔިތަކު 60 ފޫޓުގެ ދޯންޏެއް ބަންނަމުންދިޔަ ކަމަށާއި އަދި އޭގެ މަސައްކަތް ނިމުމާއެކު އެހެން މީހުންވެސް އެގޮތަށް ދޯނި ފަހަރުތައް ބަންނަމުންދިޔަ ކަމަށެވެ.
ދެން އޭރުގެ އަޅުގަނޑުމެން މި އުޅުނު އިރުގަ މިހާރު މިހުންނަ ސައިޒުގެ ދޯނި އަޅުގަނޑު ހުވަފެނުންވެސް ފެނިފައެއްވެސް ނެތް، ވިސްނާލެވިފައެއްވެސް ނެތް. އެހެން ނަމަވެސް އޭރުގެ ހިސާބުތަކާއި އެއްޗެހި ބަލާ ހަދަމުން ގެންދިޔައީ އޭރު ހުރި، ދޯނި ފަހަރަށް ބާނަމުންދިޔަ މަހުގެ އަދަދަށް ބަލައިގެން.މަސްވެރިކަމުގެ ދާއިރާއިން ޝަރަފްވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވި އަދުނާން އަލީ
އަދުނާން ވިދާޅުވީ، މަސްވެރިންނަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް ސަރުކާރުތަކުން ކުރި މަސައްކަތުގައި، 1990 ގައި ކުރެވިފައި ހުރި އިންވެސްޓްމެންޓްތައް ފިޔަވާ އެހެން އެއްވެސް އިންވެސްޓްމެންޓެއް އޭގެ ފަހުން ގެނެވިފައި ނުވާ ކަމަށެވެ. އެގޮތުން މިއަދު ފެނިގެން މިދަނީ އެކަމުގެ ހިތި ނަތީޖާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދުނާން ވިދާޅުވީ، މަސްވެރިންނާއި މަސްވެރިކަން ކުރާ ފަރާތްތައް ކުރިއަރަދިޔަ ބާރު މިިނަށް ބަލާއިރު، މަސްވެރިކަމުގެ ސިނާއަތް އޮތީ މަޑު ދުވެއްޔެއްގައި ކަމަށެވެ. އޭގެ ތެރޭގައި މަސް ގަންނަ ކުންފުނިތަކާއި މަސް ޕްރޮސެސްކުރާ ކުންފުނިތައްވެސް އޮތީ މަސްވެރިންނަށްވުރެ ފަހަތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ގިނަ މައްސަލަތަކެއް ހުރި އިރު، މަސްވެރިން ބާނާ މަހަށް ހަމަ އަގު ނުލިބުމުގެ ޝަކުވާ އަކީ މަސްވެރިން އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ. މީގެ އިތުރުން މަސް ތާޒާ ކަންމަތީގައި ފިނިކޮށްފައި ބެހެއްޓުމަށް ބޭނުންވާ އައިސް ހޯދުމުގައިވެސް މިހާރު ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް މަސްވެރިން އަންނަނީ ބުނަމުންނެވެ.
މަސްވެރިންގެ މި ޝަކުވާތައް އިންތިހާއަށް ގޮސްފައިވާއިރު، ފިޝަރީޒް މިނިސްޓްރީންނާއި މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރައްވާ ފަރާތްތަކުން ވަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި 2021 ވަނަ އަހަރު މި އިންޑަސްޓްރީ އެހެން ހަރުފަތަކަށް ގެންދިއުމަށް ބޮޑެތި އިންވެސްޓްމެންޓްތަކެއްވެސް ގެނައުމަށް ނިންމާފައިވާ ކަމަށް އެފަރާތަތްކުން ވަނީ ބުނެފައެވެ.