އައު އަހަރު ފާހަގަ ކުރުމަށް މާލޭ ސިޓީގައި ހަވާ އެރުވުމުގެ އެއްވެސް ހަރަކާތެއް ނޯންނާނެ ކަމަށާއި ނަމަވެސް 43 ރިސޯޓެއްގައި ހަވާ އެރުވުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެނިމިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ އައު އަހަރު ފާހަގަކުރުމުގެ މުނާސަބަތުގައި އެެމްއެންޑީއެފްގެ "ސިފްކޯ" އިން ވިޔަފާރި އުސޫލުން 43 ރިސޯޓެއްގައި ހަވާ އަރުވަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އައު އަހަރު ފާހަގަކުރަން އަދި މިހާތަނަށް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައިވެސް ހަވާ އެރުވުމަށް ހަމަޖެހިފައި ނުވާ ކަމަށެވެ. އަދި އެފަދަ ކަމެއްގައި ރަށަކުން އެދިފައިނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
އައު އަހަރު ފާހަގަކުރުމާއި ބޮޑެތި މުނާސަބާތައް ފާހަގަކުރުމަށް ހަވާ އެރުވުމަކީ މިިފަހުން ދިވެހިން ވަރަށް ގަޔާވާ އަދި ކުރަމުން އަންނަ ކަމެކެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ ގިނަ ރަށްތަކެއްގައި އަދި މާލޭގައި ވެސް ވަނީ އެކި މުނާސަބަތާ ގުޅިގެން ހަވާ އަރުވާފައެވެ.
މާލޭގައާއި ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ހަވާ އެރުވުމުގެ ހަރަކާތެއް ކުރިއަށްނުގެންދާނެ ކަމަށް އެމްއެންޑީއެފުން ބުނެފައިވާއިރު، މާލެ ސިޓީ ކައުންސިލުން ވަނީ ޖެނުއަރީ 1 ވަނަ ދުވަހު ހަވީރު 16:00 އިން ރޭގަނޑު 20:00 އަށް މާލެ އާއި ވިލިމާލޭގައި ފައިމަގުގައި އުޅޭގޮތަށް ހަމަޖައްސާފައެވެ.