އަނބިމީހާއަށް ރުގުޔާކުރުމުގެ ނަމުގައި އަނިޔާކުރި ފިރިމީހާގެ މައްޗަށް ހަތަރު ދައުވާއެއް، އަދި ރުގުޔާކުރި މީހާގެ މައްޗަށް ހަތް ދައުވާ އުފުލަން ނިންމައި، އެ ދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހަަޅައިފިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ އަދި މީޑިއާ އޮފިޝަލް އަޙްމަދު ޝަފީޢު ވިދާޅުވީ، ރ. ކަނދޮޅުދޫ، މިރިހިމާގެ އިސްމާޢީލް ވަޙީދު، ޖޫން މަހުގެ 22 ވަނަ ދުވަހުން ފެށިގެން އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހާ ހަމައަށް އެކި ދުވަސްމަތިން އިސްމާޢީލް ވަޙީދުގެ އަނބިދަރިންނަށް ޖިސްމާނީ ހާނިއްކަކޮށް، އެމީހުން ގެއިން ނިކުތަ ނުދީ ހިފަހައްޓައި، އިސްލާޢީލް ވަޙީދު އެގެއަށް ގެނައި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުޙައްމަދު އަޞީލް ކިޔާ މީހަކު ލައްވާ، ރުގުޔާކުރުމޭ ކިޔައިގެން، އިސްމާޢީލް ވަޙީދުގެ އަނބިދަރިންނަށް ޖިސްމާނީ އަނިޔާ އާއި ޖިންސީ ގޯނާކުރި މައްސަލަ އާއި، އެކަން އިސްމާޢީލް ވަޙީދަށް އެނގިހުރެ ސިއްރުކުރި މައްސަލައިގައި ދައުވާ ކުރުމަށް ނިންމައި، އެދައުވާތައް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ރ. ކަނދޮޅުދޫ، މިރިހިމާގެ، އިސްމާޢީލް ވަޙީދުގެ މައްޗަށް:
1. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 140 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގެ ދަށުން ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ.
2. ޤާނޫނު ނަންބަރު: 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނުނު) ގެ 122 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާ މެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯޓުނުކުރުމުގެ ކުށުގެ ދައުވާ.
3. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގެ ދަށުން، ގައިގާ އަތްލުމުގެ ކުށުގެ 2 ދައުވާ.
4. ޤާނޫނު ނަންބަރު: 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނުނު) ގެ 124 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ރ) ގެ ދަށުން، ކުޑަކުއްޖަކާ މެދު އިހުމާލުވުމުގެ ކުށުގެ ދައުވާ.
ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުޙައްމަދު އަޞީލްގެ މައްޗަށް:
1. ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ނ) ގެ ދަށުން، ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ.
2. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރުގެ ދަށުން، ގައިގާ އަތްލުމުގެ ކުށުގެ ދައުވާ.
3. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 120 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ހަވާލާދީ، އެމާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގެ ދަށުން، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ.
4. ޤާނޫނު ނަންބަރު: 17/2014 (ޖިންސީ ކުށުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ރ) ގެ ދަށުން، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ.
5. ޤާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 140 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެމާއްދާގެ (ނ) ގެ 2 ވަނަ ނަންބަރުގެ ދަށުން، ހުއްދަ ނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ.
6. ޤާނޫނު ނަންބަރު: 19/2019 (ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނުނު) ގެ 122 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަންބަރާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ.
7. ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ (ށ) ގެ ދަށުން، ކުޑަކުއްޖެއްގެ ޙާޟިރުގައި، ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ޤަބޫލުކޮށްގެން ޖިންސީ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ.
ރުގުޔާކުރުމުގެ ނަމުގައި އަނިޔާކުރި ފިރިމީހާގެ މައްޗަށް ހަތަރު ދައުވާއެއް، އަދި ރުގުޔާކުރި މީހާގެ މައްޗަށް ހަތް ދައުވާ އުފުލިއިރު، އެ ދެ މީހުން މިހާރުވެސް ތިބީ ޝަރީއަތް ނިމެންދެން ބަންދުގައެވެ.
އަނިޔާގެ ޝިކާރައަކަށްވި އަންހެން މީހާގެ އާއިލާއިން ވަނީ މި މައްސަލައިގައި ފުލުހުންނާއި، ޖެންޑަރ މިނިސްޓްރީން އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.
މި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ބަލަން ފަށާފައިވާއިރު، އެ ކޮމިޓީން ވަނީ ޖެންޑަރ މިނިސްޓްރީ، ހެލްތު މިނިސްޓްރީ، އަދި އެޑިއުކޭޝަން މިނިސްޓްރީ އާއި ފުލުހުންގެ އިތުރުން، އެޗްއާރްސީއެމް ފަދަ ކަމާ ގުޅުންހުރި މުއައްސަސާތައް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައެވެ. އަދި މި މައްސަލައިގެ ނާޒުކު ކަމާއި، މިއީ ކުޑަކުދިންނާއި ގުޅޭ ޙައްސާސް މައްސަލަ އަކަށްވުމުން، ކަމާއި ގުޅުންހުރި އިދާރާތަކަށް ކޮމިޓީއަށް އެންމެ ފުރިހަމައަށް މައުލޫމާތު ދެވޭނީ ބައްދަލުވުން ސިއްރު ކުރުމުންކަމަށް ވުމާއެކު، ކޮމިޓީ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ކޮށްގެންނެވެ.