ނ. މިނާވަރުން ގިނަ އަދަދެއްގެ ރުއްގަސް ނަގާ މައްސަލަ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބަލަން ފަށައިފިއެވެ.
"ރާއްޖެއެމްވީ" އަށް އީޕީއޭގެ އޮފިޝަލެއް ވިދާޅުވީ މިނާވަރުން ރުއްގަސް ނަގާ މައްސަލަ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތުގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި މިހާރު ބަލަމުންދާ ކަމަށެވެ.
ނަމަވެސް ބަލަމުންދާ މައްސަލައެއް ކަމަށްވާތީ އިތުރު ތަފްސީލެއް އީޕީއޭއިން ހާމަކޮށްފައިނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިނާވަރުން ގިނަ އަދަދެއްގެ ރުއްގަސް ނަގައިގެން ގެންދަނީ ނ.ދިގުރަށަށެއެވެ.
ބިމުގެ ބޮޑުމިނުގައި 42 ހެކްޓަރު ހުންނަ މިނާވަރަކީ 04، ޖޫން 2010 ގައި އިމްޕެކްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި 21 އަހަރަށް ހަވާލުކޮށްފައިވާ ރަށެކެވެ. މިރަށް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ އެގްރިކަލްޗަރ ވެލިއު އެޑިޝަންއާއި ޕްރޮސެސިންގ މަސައްކަތްތައް ކުރުމަށެވެ.
މީގެ އިތުރުން ބިމުގެ ބޮޑު މިނުގައި 57 ހެކްޓަރު ހުންނަ ދިގުރަށަކީ ރިޒޯޓު ތަރައްގީ ކުރަމުންދާ ރަށެކެވެ. 50 އަހަރަށް މިރަށް ހަވާލުކޮށްފައިވަނީ 19 ޖެނުއަރީ 2012 ގައި ވީގޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.
ގަވާއިދާ ހިލާފަށް ރުއް ކެނޑުމާއި، ރުއްގަސް ނަގައިގެން ރިސޯޓުތަކަށާއި، ރާއްޖޭން ބޭރުގެ ގައުމުތަކަށް އަގު ބޮޑުކޮށް ވިއްކަމުންދާ މައްސަލާގައި މީގެ ކުރިން ވެސް އީޕީއޭއިން ވަނީ މައްސަލަ ތަހުގީގު ކުރުމަށްފަހު ބައެއް ފަރާތްތަށް ޖޫރިމަނާކޮށްފައެވެ. މީގެ ތެރޭގައި ބައެއް ރަށްރަށުގެ ކައުންސިލްތަކާއި ބައެއް އާންމު ފަރުދުން ވެސް ހިމެނެއެވެ.