ފާއިތުވި 24 ގަޑިއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންގެ އަދަދު އޭގެ ކުރީ 24 ގަޑިއިރާ އަޅާބަލާއިރު އިތުރުވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު މާލެ ސަރަހައްދުން 20 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެކުރީ 24 ގަޑިއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވަނީ 11 މީހުންނެވެ.
ފާއިތުވި 24 ގަޑިއިރު މާލެ ސަރަހައްދުން ވައިރަސް އަށް ޕޮޒިޓިވްވި 20 މީހުންނާއެކު ޖުމްލަ 31 މީހުން ވަނީ ވައިރަސް އަށް ޕޮޒިޓިވްވެފައެވެ. މީގެތެރޭގައި ދެން ހިމެނެނީ މީހުން ދިރިއުޅޭ ރަށްރަށުން 4 މީހުންނާއި ރިސޯޓްތަކުން 5 މީހެކެވެ. އަދި ލިވް އަބޯރޑުން 2 މީހުންނެވެ.
އެޗްޕީއޭއިން ބުނީ ހޯމަ ދުވަހުގެ އިރުއޮއްސި 6:00 އިން އަންގާރަ ދުވަހުގެ ރޭ އިރުއޮއްސި 6:00 އަށް ކޮވިޑް-19 އަށް 2644 ސާމްޕަލެއް ޓެސްޓްކޮށްފައިވާކަމަށެވެ.
ކޮވިޑުގެ ކޭސްތައް މިފަހުން އިތުރުވެފައިވާއިރު، މި މަހުގެ 20 ވަނަ ދުވަހު މާލޭގައި ބޭއްވި ކައިވެނި ހަފްލާއަކުން ވަނީ ހައި ރިސްކު 4 މީހުންނާއެކު ޖުމްލަ 41 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މި ހަފުލާގައި ގާތްގަނޑަކަށް 120 މީހުން ބައިވެރިވި ކަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.
އަންގާރަ ދުވަހުގެ އަދަދުތަކާއެކު މިހާތަނަށް ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު މިވަނީ 13691ށް އަރާފައެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 13109ށް އަރާފައެވެ. އެހެންކަމުން މިވަގުތު ކޮވިޑް-19 ޖެހިގެން ރިޕޯޓްކުރަމުން އަންނަނީ 527 މީހަކަށެވެ. މީގެތެރެއިން 29 މީހަކަށް އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުންނެވެ.
މިބަލީގައި މިހާތަނަށް އައިއިރު 48 މީހަކު ވަނީ ނިޔާވެފައެވެ.
އާދިއްތަ ދުވަހުގެ ރޭ ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޗެއަރޕަރސަން އޮފް ސްޓިއަރިންގ ކޮމިޓީ ފޯރ ކޮވިޑް ވެކްސިން، ޑރ. ޝާހު އަބްދުﷲ މާހިރު ވިދާޅުވީ 2021 ވަނަ އަހަރު ފާހަގަކުރުމަށް ވަރަށް ގިނަ ފަރާތްތައް ތައްޔާރުވަމުންދާ ކަމަށާއި އެގޮތުން އައު އަހަރު ފާހަގަކުރުމުގައި ވެސް ނިއު ނޯރމަލްއާ އެއްގޮތަށް އަމަލުކުރުމުކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ޑރ.ޝާހު ވިދާޅުވީ މާސްކް އެޅުމާއި، އަތް ސާފުކޮށް ބެހެއްޓުމާއި ތިން ފޫޓުގެ ގައިދުރުކަން ބެހެއްޓުމަކީ ބަލިން ރައްކާތެރިވުމަށްޓަކައި އެޅޭނެ އެންމެ މުހިންމު ތިން ފިޔަވަޅު ކަމަށެވެ. އެހެންކަމުން އައު އަހަރު ފާހަގަކުރުމުގައި ބާއްވާ ޕާޓީތަކުގައި ވެސް އެކަންކަން ހަނދާން ކޮށްދިނުމަށް ޑރ.ޝާހު ވަނީ އިލްތިމާސްކޮށްފައެވެ.